ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހަޅާފައިވަނީ 141 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މިހާތަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެއްގައި ވަނީ އާންމުކޮށްފައެވެ.
ކައުންސިލުތަކުގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 141 ފޯމު ހުށަހަޅާފައިވާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހަޅާފައިވަނީ 50 ފޯމެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގައި ކަނޑައެޅިފައިވާ ސުންގަޑިއަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި ހަމަވާނީ 20 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމުގެ ސުންގަޑި ހަމަވާނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގައެވެ.
ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.
ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކޮށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ އަދި ރަށު ކައުންސިލުތަކުން އަންހެނުންނަށް ޖުމްލަ 384 ގޮނޑި ޔަގީންވާނެ ކަމަށް އީސީން ވަނީ މީގެ ކުރިން ބުނެފައެވެ.