ޚަބަރު

އެޓޯލް ކޮމިއުނިކޭޝަންސްގައި ޝައުނާގެ ހިއްސާއެއް ނެތް، މިހާރު ވާނީ ރަޖިސްޓަރީ އަޕްޑޭޓްކޮށްފައި: މިނިސްޓްރީ

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މޫނުމަތި ރީތި ކުރުމަށާއި، އެ ކުންފުނީގެ މީޑިއާ ކަންކަމުގައި ލަފާދޭ، އެޓޯލްސް ކޮމިއުނިކޭޝަންސްގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާގެ އެއްވެސް ހިއްސާއެއް ނެތް ކަމަށާއި މިހާރު ރަޖިސްޓަރީ އަޕްޑޭޓް ކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މީގެ ކުރިން ޝައުނާ އެންޑް ރޮބާޓްސް އާއި އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިން ޕާޓްނަރުކަމުން ޝައުނާ އިސްތިއުފާދެއްވި ނަމަވެސް، އިކޮނޮމިކް މިނިސްޓްރީން ބިޒްނަސް ރަޖިސްޓަރީ އަޕްޑޭޓްކޮށްފައި ނުވާތީ އެޓޯލް ކޮމިއުނިކޭޝަންގެ ޕާޓްނަރެއްގެ ގޮތުގައި އެ ރަޖިސްޓަރީގައި އޭނާގެ ނަން އޮތެވެ.

ޝައުނާ ކުރެއްވި ޓުވީޓެއްގައި އެކަން ސާފުކޮށްދެއްވަން އެދުމުން މިނިސްޓްރީން ވަނީ އެކަން ސާފުކޮށްދީފައެވެ. އިކޮނޮމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ 20ގައި ޕާޓްނާޝިޕުން ދުރުވެފައިވާ ކަމަށާއި އެހެންކަމުން މިހާރު ޝައުނާއަކީ އެޓޯލް ކޮމިއުނިކޭޝަންސްގެ ޕާޓްނަރެއް ނޫން ކަމަށެވެ.

ބިޒްނަސް ރަޖިސްޓަރީ އަޕްޓޭޑްކުރުމުގައި ލަސްތަކެއްވުމުން އެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ. އަދި އެފަދަ މައުލޫމާތެއް އާންމުކުރުމުގެ ކުރިން ބިޒްނަސް ރަޖިސްޓަރީން ބެލުމަށްފަހު މިނިސްޓްރީން ވެސް އެކަން ކަށަވަރުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ޝައުނާ މިއަދު ވިދާޅުވީ އެޓޯލްސް ކޮމިއުނިކޭޝަންސް އަކީ، ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަން ކުރުމުގެ ކުރިން މަސައްކަތްކުރެއްވި ތަން ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނީގައި އޭނާގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށާއި ކުންފުނި ހިންގުމުގައި ވެސް އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަން ކުރުމުގެ ކުރިން އެ ކުންފުނިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވާ، އޭނާގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ ތަފްސީލު ހިމެނޭ ފޯމުގައިވާ މިލްކިއްޔާތަކީ، ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަން ކުރުމުގެ ހަމަސްކުރީގެ ހިސާބުތައް ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

"އެބޭފުޅުން އެ ގެންގުޅުއްވާ ފޯމަކީ އަޅުގަނޑު ވަޒީފާއަށް އެޕޮއިންޓް ކުރުމުގެ ހަ މަސް ކުރިން ކޮށްފައިހުރި މަސައްކަތުގެ ބަޔާން. އެޔަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީގައި އެ ކުންފުނީން އަޅުގަނޑު ވާނީ އިސްތިއުފާ ދީފައި. އެއީ ވަޒީފާއަށް އެޕޮއިންޓް ކުރުމުގެ ކުރިން އަޅުގަނޑު މަސައްކަތްކުރިތަން. އެހެންވީމާ އަޅުގަނޑުގެ އެއްވެސް ޝެއާއެއް އެތަނުގައި މިހާރު ނޯންނާނެ." ޝައުނާ ވިދާޅުވިއެވެ.

އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިިންގ ޕާޓްނަރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ބިސްނަސް ރެޖިސްޓްރީގައި ޝައުނާގެ ނަން ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާ ބެހޭގޮތުން ޝައުނާ ވިދާޅުވީ އެ ރެޖިސްޓްރީ އަޕްޑޭޓް ނުކުރެވި ވަނީ، އިކޮނޮމިކް މިނިސްޓްރީން ކަމަށް ބެލެވޭ ކަމަށެވެ.

އެ ކުންފުނީގެ މެނޭޖިން ޕާޓްނަރަކީ މުހައްމަދު ތޯރިގް ހާމިދު ނަމަކަށް ކިޔާ މީހެކެވެ. ތޯރިގު އަކީ ޝައުނާގެ ފިރިކަލުން ކަމަށް ވާތީ، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ އެ މައްސަލަ ފާހަގަކުރަމުންނެވެ.