އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު، އެމްޑީޕީން ކާމިޔާބުކުރާނީ ބޮޑުކޮށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް މުޅި ރާއްޖޭގައި އިންތިހާބުގެ ޕޯސްޓަރު ހަރުކުރުމަށް ބޭއްވި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރާނީ ބޮޑުކޮށް ކަމަށެވެ. އަދި ރާއްޖޭގެ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހެއި ދަރިއެއް ކަމަށް އެ ނިޒާމަށް ނިކަމެތިކަމެއް އަޔަކަ ނުދޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދަކީ އެމްޑީޕީގެ ކެމްޕޭނުތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނަވާ ބޭފުޅެކެވެ. އަދި 2017ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީ އިދިކޮޅުގައި އޮތް އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް ހިންގި ކެމްޕޭނުގައި ވެސް އެންމެ ބުރަކޮށް ކަމްޕޭންކުރެއްވި އެއް ބޭފުޅަކީ ޝާހިދެވެ.
ކެމްޕޭން ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތުގައި މިނިސްޓަރު ޝާހިދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެރިވެވަޑައިގެންނެވިއެވެ.
އެ ހަރަކާތް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެއް ކައުންސިލު އިންތިހާބުގައި ލިބޭނެ ކަމަށާއި ސަރުކާރުގެ އެޖެންޑާ ތަންފީޒު ކުރާނެ ބަޔަކު ކައުންސިލުތަކުގައި ތިބެން ޖެހޭނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ އެމްޑީޕީން ތަފާތު ބޮޑު ނަތީޖާއަކުން ކައުންސިލް އިންތިހާބު ކާމިޔާބުކުރާނެ ކަމަށެވެ.