މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، 14.3 އިންސައްތަ އިތުރުކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ރާއްޖެއަށް ޖުމްލަ 177،140 ފަތުރުވެރިން ޒިޔާތަރަތްކުރިއެވެ.
އެއީ ވައިގެމަގުން 173،347 ފަތުރުވެރިންނާއި ކަނޑުމަގުން ޒިޔާރަތްކުރި 3،793 ފަތުރުވެރިންނެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޒިޔާރަތްކޮށްފައިވަނީ 154،969 ފަތުރުވެރިންނެވެ. އެއީ ވައިގެމަގުން 151،552 ފަތުރުވެރިންނާއި ކަނޑުމަގުން 3,417 ފަތުރުވެރިންނެވެ.
މިދިޔަ މަހު ވައިގެމަގުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ 54.6 އިންސައްތައިގެ ހިއްސާއާއެކު ޔޫރަޕުގެ ގައުމުތަކުންނެވެ.
އެ ސަރަހައްދުން ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 94،725 އަށް އަރާފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންނާ އަލާބަޅާއިރު 13.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިިން ޒިޔާރަތްކުރީ 35.6 އިންސައްތައިގެ ހިއްސާއާއެކު އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކުންނެވެ. މި ސަރަހައްދުން ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުތުވެރިންގެ އަދަދު 61،688 އަށް އަރާފައިވެއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 11.9 އިންސައްތައިގެ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު އެމެރިކާ ސަރަހައްދުން 4.7 އިންސައްތައިގެ ހިއްސާއަކާއެކު ޖުމްލަ 8،078 ފަތުރުވެރިންނާއި މެދުއިރުމަތީގެ ގައުމުތަކުން 4.2 އިންސައްތައިގެ ހިއްސާއާއެކު ޖުމްލަ 7،297 ފަތުރުވެރިންނާއި އެފްރިކާ ސަރަހައްދުން 0.9 އިންސައްތައިގެ ހިއްސާއާއެކު ޖުމްލަ 1،536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ.