އިބްރާހިމް ޒަކީ
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިންގެ ސްޕޯކްސްޕާސަނަކަށް މ.މަލުވިލަ އަފްޝަން ލަތީފު ހަމަޖައްސައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ކެމްޕެއިންގެ ސްޕޯކްސްޕާސަނަކީ އަފްޝަން ލަތީފް ކަމަށާއި އިންތިހާބާބެހޭ ހުރިހާކަމަކާ ގުޅޭ މައުލޫމާތު ދެއްވާނީ އަފްޝަން ކަމަށެވެ.
މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމު އަދާއްކުރެއްވީ އަފްޝަންއެވެ.
އަންނަ އޭޕްރީލް މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ކެމްޕެއިން ޕޯސްޓަރު ހަރުކުރުމުގެ ޕްރޮގްރާމް އެމްޑީޕީން މިއަދު ވަނީ ފަށައިފައެެވެ.
އާޓިފިޝަލް ބީޗް ކުރިމަތިން ހުންނަ އެމްޑީޕީގެ ރަސްމީ ހަރުގެ ކުރިމަތީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޕޯސްޓަރު ހަރުކުރުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޖަގަހަތައް ވެސް މިއަދު ވަނީ ހުޅުވަން ފަށައިފައެވެ. ކައުންސިލް އިންތިހާބުގެ ފުރަތަމަ ޖަގަހަ ހުޅުވާފައިވަނީ ހުޅުމާލޭގައެވެ.
މިއަދު ހަވީހު ހުޅުމާލެ އެމްޑީޕީ ޖަގަހަ ހުޅުއްވައިދެއްވީ ރައީސް ސޯލިހެވެ.