ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
މިމަހުގެ ނުވަވަނަ ދުވަހު ބަންގުލަދޭޝް އިން ރާއްޖެ އައި 26 އަހަރުގެ ފިރިހެނެއްގެ އަތުން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމިން / ޔާބާ (ޕާޓީ ޑްރަގްސް) އެވެ.
ކަސްޓަމްސް އިން ބުނީ އެމީހާގެ އަތުގައި މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން ފުރަތަމަ މަރުހަލާގެ ޓެސްޓުން އެމްފެޓަމިން/ ޔާބާ އަށް އެތަކެތި ޕޮސިޓިވް ވެފައިވާ ކަމަށާއި އޭނާގެ ލަގެޖުގެ ތެރެއިން 1932 އެމްފެޓަމިން ގުޅަ ފެނިފައިވާ ކަމަށެވެ. އެތަކެތީގެ މަގުމަތީގެ އަގު ޖުމްލަ 193،200 ދިވެހި ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ މައްސަލައިގައި ޝާމިލުވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.