ބައިނަލްއަގުވާމީ ފެންފަރަށް ފަރިތަކުރެވޭ ވަރަށް ހުޅުމާލޭގައި ތަރައްގީކުރި ބީޗް ވޮލީ ކޯޓު ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ހިލަވެލި އަޅައިގެން ހަދާފައިވާ މި ކޯޓަކީީ މިހާތަނަށް ރާއްޖޭގައި ގާއިމުކުރި މިފަދަ ފުރަތަމަ ބީޗު ކޯޓެވެ.
ކޯޓު ހުޅުވުމުގެ ގޮތުން ޔޫތު މިނިސްޓްރީގެ ޓީމަކާއި މޯލްޑިވްސް ވޮލީބޯލް ވެޓަރަންސް ޓީމު ވަނީ މިއަދު ހަވީރު މެޗެއް ކުޅެފައެވެ. މި މެޗު ކާމިޔާބު ކުރީ ޔޫތު މިނިސްޓްރީގެ ޓީމެވެ.
ޔޫތު މިނިސްޓްރީގެ ޓީމަށް ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ކުޅުއްވިއެވެ. އޭގެ އިތުރުން ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ވެސް އެޓީމުން ފެނިގެންދިޔައެވެ.
ވެޓަރަންސް ޓީމުގައި ކުރިން ވޮލީގައި ވިދާލި މޮޅެތި ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި މުހައްމަދު ނަދީމް (ނަދީމްބެ) އާއި އިބްރާހިމް ނިޒާރު (ބޮޑޭ) އަދި ކުރީގެ މަޝްހޫރު ބައެއް ކުޅުންތެރިން ހިމެނެއެވެ.
ބައިނަލްއަގުވާމީ މުބާރާތްތަކުން ރާއްޖޭގެ ބީޗް ވޮލީ ޓީމުތަކުން އަންނަނީ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޓީމުން ވަނީ ރިހި މެޑެލް ހޯދާފައެވެ. ހަމަ އެ ގޭމްސް އިން ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ވަނީ އިންޑިވިޖުއަލް އިވެންޓުގެ ލޯ މެޑެލް ހޯދައިފައެވެ.