ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ މޫނުމަތި ރީތި ކުރުމަށާއި، އެ ކުންފުނީގެ މީޑިއާ ކަންކަމުގައި ލަފާދޭ، އެޓޯލްސް ކޮމިއުނިކޭޝަންސް ގައި އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ވަން އޮންލައިނަަށް މައުލޫމާތު ދެއްވަމުން ޝައުނާ މިއަދު ވިދާޅުވީ އެޓޯލްސް ކޮމިއުނިކޭޝަންސް އަކީ، ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަން ކުރުމުގެ ކުރިން މަސައްކަތްކުރެއްވި ތަން ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނީގައި އޭނާގެ އެއްވެސް ހިއްސާއެއް ނޯންނާނެ ކަމަށާއި ކުންފުނި ހިންގުމުގައި ވެސް އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަން ކުރުމުގެ ކުރިން އެ ކުންފުނިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އަދި ސޯޝަލް މީޑިޔާގައި ދައުރުވާ، އޭނާގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ ތަފްސީލު ހިމެނޭ ފޯމުގައިވާ މިލްކިއްޔާތަކީ، ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަން ކުރުމުގެ ހަމަސްކުރީގެ ހިސާބުތައް ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ.
"އެބޭފުޅުން އެ ގެންގުޅުއްވާ ފޯމަކީ އަޅުގަނޑު ވަޒީފާއަށް އެޕޮއިންޓް ކުރުމުގެ ހަ މަސް ކުރިން ކޮށްފައިހުރި މަސައްކަތުގެ ބަޔާން. އެޔަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ ގައި އެ ކުންފުނީން އަޅުގަނޑު ވާނީ އިސްތިއުފާ ދީފަ. އެއީ ވަޒީފާއަށް އެޕޮއިންޓް ކުރުމުގެ ކުރިން އަޅުގަނޑު މަސައްކަތްކުރިތަން. އެހެންވީމާ އަޅުގަނޑުގެ އެއްވެސް ޝެއާއެއް އެތަނުގައި މިހާރު ނޯންނާނެ." ޝައުނާ ވަން އަށް ވިދާޅުވިއެވެ.
އެޓޯލް ކޮމިއުނިކޭޝަންސްގެ މެނޭޖިިންގ ޕާޓްނަރެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީގެ ބިސްނަސް ރެޖިސްޓްރީގައި ޝައުނާގެ ނަން ހިމެނޭ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާ ބެހޭގޮތުން "ވަން އޮންލައިން" އަށް ޝައުނާ ވިދާޅުވީ، އެ ރެޖިސްޓްރީ އަޕްޑޭޓް ނުކުރެވި ވަނީ، އިކޮނޮމިކް މިނިސްޓްރީން ކަމަށް ބެލެވޭ ކަމަށެވެ.
މިއަދު އެކަން ރަނގަޅު ކުރާނެ ކަމަށް މިނިސްޓރީން ބުނެފައިވާ ކަމަށްވެސް ޝައުނާ ވިދާޅުވިއެވެ.
"ވަން" އިން މިއަދު ޗެކު ކުރި އިރު، އެ ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ޝައުނާގެ ނަމެއް ނެތެވެ.
އެ ކުންފުނީގެ މެނޭޖިން ޕާޓްނަރަކީ މުހައްމަދު ތޯރިގް ހާމިދު ނަމަކަށް ކިޔާ މީހެކެވެ. ތޯރިގު އަކީ ޝައުނާގެ ފިރިކަލުން ކަމަށް ވާތީ، އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އަންނަނީ އެ މައްސަލަ ފާހަގަކުރަމުންނެވެ.