ޚަބަރު

ސަރުކާރަށް ލިބޭ ހުރިހާ ގެއްލުމެއްގެ ބަދަލު އެއްބޮނޑިޔަކަށް ގަނޑުކޮށް ދޭކަށް ނުޖެހޭ: އަލީ ހުސެއިން

އިބްރާހިމް ޒަކީ

2025 ވަނަ އަހަރު ލިބޭނެ ގެއްލުމާއި، 2040 ވަނަ އަހަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ގެއްލުން މިއަހަރު، އެއް ބޮނޑިޔަކަށް ބަނދެފައި ގަނޑުކޮށް ދޭން ނުޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އެކި މައްސަލަތަކުގައި އެކި ފަރާރްތަކަށް ބަދަލުގެ ގޮތައި އެތައް މިލިޔަން ރުފިޔާއެއް ދޭން ޖެހޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، ކުރެއްވި ޓުވީޓެއްގައި އަލީ ހުސެއިން ވިދާޅުވީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ވިޔަފާރި ވަރަށް ބޮޑުތަނުން ފުޅާވަމުން ގޮސްފައިވާ ކަމަށެވެ. އަދި އެ ކަން ފުޅާވަމުން ގޮސް ފުށިދިއްގަރު ފަރަށް މިހާރު އަރާފައިވާ ކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު، ގާނޫނާ ހިލާފަށް އެގްރީމެންޓް ބާތިލު ކުރި މައްސަލަތަކުގައި، ބައެއް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއްގެ ފައިސާ ސަރުކާރުން ދީފައި ވާއިރު، ހަމަ އެފަދަ މައްސަލަތަކެއްގައި އެހެން ބައެއް ފަރާތްތަކުން އަންނަނީ ދައުވާ ކުރަމުންނެވެ.

އެގޮތުން ފުށިދިއްގަރު ފަޅު ތަރައްގީ ކުރަން ޕްރައިމް ކެޕިޓަލްސްއާ އެކު 2013 ވަނަ އަހަރު ސަރުކާރުން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ފަޅު ހަވާލު ނުކުރި މައްސަލައިގައި އެ ކުންފުނީގެ ފަރާތުން ދައުލަތާ ދެކޮޅަށް ސިންގަޕޫރު އާބިޓްރޭޝަނަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލައިގައި ސަރުކާރުން ދެ ބިިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށް އެ ކުންފުނިން ވަނީ ހުށަހަޅައިފައެވެ. ނަމަވެސް އާބިޓްރޭޝަނަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައަކަށް ވާތީ އެއްވެސް ފަރާތަކުން އެ ކަމާބެހޭ މައުލުމާތު މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.

އެގްރީމެންޓް ތަކުގެ މައްސަލައިގައި، މިހާތަނަށް ގިނަ ކުންފުނިތަކަކަށް ސަރުކާރުން ބަދަލު ދީފައިވާ އިރު އޭގެ ތެރޭން، ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރި ނޫމަޑި އެއްބަސްވުން އުވާލައިގެން 55 މިލިއަން ޑޮލަރާއި ބޯޑާ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) ހިމެނެއެވެ. އަދި ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ދައުލަތުން ދައްކަން ޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން ކޮންޓްރެކްޓަރުންނަށް 26.1 މިލިއަން ރުފިޔާ އަދި ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލުގައި ދޭން ކޯޓުން ހުކުމް ކުރި ހަތް މިލިއަން ރުފިޔާ ހިމެނެ އެވެ.

މީގެ އިތުރުން، ހުޅުމާލޭގައި ފްލެޓް އަޅަން ހަވާލުކުރި ކުންފުނިން އޮޅުވާލި މީހުންނަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދިނުމާއި ބިޒްނަސް އިމޭޖް ގްރޫޕަށް 78 މިލިއަން ރުފިޔާ ދިނުމަށާއި ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ވަނީ ނިންމައިފަ އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާ އެކު 2011 ވަނަ އަހަރު އޭރުގެ ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު، ރައީސް ޔާމީންގެ ސަރުކާރުން ބާތިލުކުރި މައްސަލައިގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައުލަތުން ހޯދުމަށް މަސައްކަތް ކުރާ މައްސަލައެއްވެސް ކޯޓު މަރުހަލާގައި އެބައޮތެވެ.