ޚަބަރު

ރަށްފެހި ޕްރޮގްރާމުގައި ސްޓެލްކޯއިން 3000 ގަސް އިންދައިފި

ރަށްފެހި ޕްރޮގްރާމުގައި ސްޓެލްކޯއިން 3000 ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެ ފެހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާފައިވާ "ރަށް ފެހި" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯއިން ކޮންމެ އަހަރަކުވެސް ކުރިޔަށް ގެންދަން ނިންމާފައިވާ "ސްޓްލްކޯ ރަށްފެހި" ޕްރޮގްރާމަކީ އެކުންފުނިން ކުރިއަށް ގެންދާ ދެވަނަ ޕްރޮގްރާމެއެވެ. މިއަދުގެ ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

މިއަދު ކުރިއަށްދިޔަ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސްޓްލްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ނަމޫނާ ގޮތެއްގައި ހިންގަމުން އަންނަ ރަނގަޅު ކުންފުންޏެއްގެ ގޮތުގައި ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެކަމަށްޓަކައި ކުންފުނީގެ އެމްޑީއާއި މެނޭޖްމަންޓަށް ޝުކުރު ދަންނަވާ ކަމަށެވެ.

ސްޓެލްކޯގެ ހިދުމަތްދޭ 35 ރަށުގައި އެއްފަހަރާ ފެށި މި ޕްރޮގްރާމްގެ މަގުސަދަކީ ދިރިއުޅޭ މާހައުލަކީ ސާފު ވައި ލިއްބައިދޭ ތަނަކަށް ހެދުމާއި، ގަހުން ލިބޭ ފައިދާތަކުގެ މަންފާ ލިބޭ ބަޔަކަށް ހެދުމެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ މެދުގައި ގަސް އިންދުމުގެ ޝައުގުވެރިކަން އުފައްދައި، އެކަމަށް އަހުލުވެރިކުރުމުގެ އިތުރުން ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދެމެހެއްޓުމާއި ގަސް އިންދުމުގެ ޖޯޝާއި ފޯރި އިތުރުކުރުން ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން ކުންފުނީގެ އެކި ޑިޕާޓަމަންޓްތަކުގެ މެދުގައި ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ވަނަތައް ހޮވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުގުނީ ދެއްކެވި ވާހަކައިގައި ވިދާޅުވީ "ރަށް ފެހި" ޕްރޮގްރާމަކީ މި ސަރުކާރު ފެށިގެން އައި އިރު، ރާއްޖޭގެ ތިމާވެއްޓާއި މެދު ރައްޔިތުން އަހުލުވެރިކުރުވައި ހޭލުންތެރި ކުރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ. އަދި "ސްޓެލްކޯ ރަށްފެހި" ޕްރޮގްރާމް ތަފާތު ވަނީ ހުއްޓުމެއް ނެތި ކޮންމެ އަހަރަކުވެސް ހިންގާނެ ޕްރޮގްރާމަކަށް ވާތީ ކަމަށާއި އެ ގަސްތައް އިންދުމަށް ފަހު އެ ގަސްތައް ބަލެހެއްޓުމުގައި މުވައްޒަފުން ހަރަކާތްތެރި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރަށްފެހި ޕްރޮގްރާމްގެ ދަށުން ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި 2000 ގަސް އިންދާފަ އެވެ.