ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހުޅުމާލެއަށް ފައިބާ ހައިވޭ ކޮޅުގައި ސައިކަލަކާއި ތެޔޮ ބައުޒަރެއް ޖެހި އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 10:20ހާއިރު ކަމަށާއި އެ ހާދިސާގައި ސައިކަލް ދުއްވަން އިން އަންހެނާއަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށެވެ. އަނިޔާވި މީހާގެ އުމުރަކީ 26 އަހަރު ކަމަށާއި އެ މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.
މިހާދިސާގައި ބައުޒަރު ދުއްވަން އިނީ 26 އަހަރުގެ ބަނގުލަދޭޝް ފިރެހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ތެޔޮ ބައުޒަރު އަނބުރާލަން އުޅުނު ވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލު ނުވެގެން ކަމަށް ފުލުހުން ބުނެއެވެ.
މި ހާދިސާގައި އެކްސިޑެންޓުވި ސައިކަލާއި ބައުޒަރު ދުއްވަން އިން މީހާގެ އަތުގައިވެސް ލައިސަން އޮތް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.