ޔޫއެފާ

ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭ ގޮތަށް ދެ ސީޒަނަށް ސިޓީ ސަސްޕެންޑުކޮށްފި

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަނުކުރެވޭ ގޮތަށް ޔޫއެފާ އިން މެންޗެސްޓާ ސިޓީ ސަސްޕެންޑުކޮށްފިއެވެ.

ޔޫއެފާ އިން ސިޓީ ސަސްޕެންޑުކުރި ނަމަވެސް މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެކްލަބަށް ވާދަކުރެވޭނެއެވެ. އެކްލަބަށް ވާދަނުކުރެވޭނީ ކުރިއަށް އޮތް ދެ ސީޒަނުގައެވެ.

ޔޫއެފާ އިން އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ސަސްޕެންޑުކޮށްފައިވަނީ އެކްލަބުން ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދާ ހިލާފުވުމުގެ ސަބަބުންނެވެ. ޔޫއެފާ އިން ވަނީ ސިޓީ ސަސްޕެންޑު ކުރުމުގެ އިތުރުން 25 މިލިއަން ޕައުންޑުން ޖޫރިމަނާ ވެސް ކޮށްފައެވެ.

ޔޫއެފާ ކްލަބު ފައިނޭންޝަލް ކޮންޓްރޯލް ބޮޑީ (ސީއެފްސީބީ)ގެ އެޑްޖުޑިކޭޓަރީ ޗޭމްބަރުން ކުރި ތަހުގީގަށްފަހު ނިންމާފައިވަނީ 2012 އިން ފެށިގެން 2016 އަށް ސިޓީން ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދާ ހިލާފުވެފައިވާ ކަމަށެވެ.

އެ ތަހުގީގުތައް ފަށާފައިވަނީ 2018ގެ ނޮވެމްބަރު މަހު ޖަރުމަނުގެ މެގަޒިން، "ޑާ ސްޕިއެގެލް" އިން ގެނެސްދިން ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނާގޮތުން ސިޓީން ވަނީ ޔޫއެފާގެ އޮފިޝަލުންތަކަކަށް ރިޝްވަތުދީފައެވެ.

ޔޫއެފާ އިން ސިޓީ ސަސްޕެންޑުކުރުމާއެކު އެކްލަބުން ވަނީ އެއްވެސް ކަމެއް ގަވައިދާ ހިލާފަށް ކޮށްފައިނުވާނެ ކަމަށް ބުނެ، ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ތަހުގީގު ފެށުމުގެ ކުރިން ވެސް ޔޫއެފާ އިން ވަނީ ސިޓީ ސަސްޕެންޑްކުރުމަށް ނިންމައިފައެވެ.

ސަސްޕެންޑްކުރި މައްސަލަ އިސްތިއުނާފުކުރުމަށް ކޯޓް އޮފް އާބިޓްރޭޝަން (ސީއޭއެސް) އަށް ހުށަހަޅާނެ ކަމަށް ސިޓީން ބުނެއެވެ.