އަލީ ޔާމިން
މުޝްރިކުން ވެސް ވައުދެއް ވެއްޖެނަމަ އެ ވައުދަކަށް ކަމޭހިތާ ކަމަށާއި ނަމަވެސް މިއަދު މުސްލިމުންނަށް ވައުދާ ހިލާފުވުން ބޮޑު ކަމަކަށް ނުވާ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީން އިސްނަގައިގެން "އިސްރާ އާއި މިއުރާޖް"، މި މައުޟޫއަށް ކާނިވާ ސަރަހައްދުގައި މިރޭ ދަރުސް ދެއްވަމުން ޝައިހް އިލްޔާސް ވިދާޅުވީ، މުޝްރިކުން ވެސް އަހުދެއްކޮށްފިނަމަ އެ އަހުދަކަށް ކަމޭހިތާކަން ތާރީހު ހެކިދޭ ކަމަށެވެ. އެގޮތުން މުޝްރިކު މީހެއް، އެމީހުންގެ ތެރޭގައި އޮތް ރަނގަޅު އާދައެއްގެ ވާހަކަ ޝައިހް ވިދާޅުވިއެވެ.
އެއީ އަމާންދީފިނަމަ ދެން ތިބި އެންމެންނަށް އެ އަމާންކަން ދަމަހައްޓަން މަޖުބޫރުވުމެވެ. ޝައިހް ވިދާޅުވީ، އެމީހުންނަކީ މުޝްރިކުންގެ ގޮތުގައި ތިބެވެސް، އެމީހުންވީ އެ ވައުދަށް އިހުތިރާމްކުރި ކަމަށެވެ. ނަމަވެސް މިއަދު މުސްލިމުންނޭ ކިޔުނު މީހުންނަކީ ވައުދާ ހިލާފުވުން އެއްވެސް ކަމެއް ކަމުގައި ނުދެކޭ މީހުން ކަމަށް ވިދާޅުވިއެވެ.
މުސްލިމުން ޤުރުއާނާމެދު އިހުމާލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރައްވާ ޝައިހް އިލްޔާސް ވިދާޅުވީ، ޤުރުއާން ބާއްވައިލެއްވީ އިންސާނުންގެ ހިތްތައް އިސްލާހު ކުރަން ކަމަށާއި ހިތް އިސްލާހުވުމުން ދެން ހުރި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށެވެ.
އޭގެ އިތުރުން މުސްލިމުންނަކީ ކެތްތެރި ބަޔަކަށް ވާން ޖެހޭ ކަމަަށް ޝައިހް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެގޮތުން ކެތްތެރިކަން ނާންނަހާ ހިނދަކު ހަޔާޓުގެ އެއްވެސް ކަމެއްގައި ކުރިއެރުމެއް ނުލިބޭނެ ކަމަށާއި މުޅި ހަޔާތް އުޖާލާ ކުރުމަށްޓަކައި އެންމެ މުހިންމު އަސާސަކީ ކެތްތެރިކަން ކަމަށެވެ.
ދަރުހުގެ މައުޟޫއަށް ވާހަކަ ދައްކަވަމުން ޝައިހް އިލްޔާސް ވިދާޅުވީ، އިސްރާއާއި މިއުރާޖުގެ ވާހަކައިން މުސްލިމުން އިބްރަތް ހާސިލް ކުރަންޖެހޭ ކަމަށެވެ. އެގޮތުން އެ ހާދިސާއިން މުސްލިމުން ލިބިގަންނަންވީ ހަޔާތުގައި ދަތި އުދަނގޫކަމެއް ދިމާވެއްޖެނަމަ ރަސޫލާގެ ހަޔާތްޕުޅަށް ނަޒަރު ހިންގާލުން ކަމަށް ވިދާޅުވިއެވެ.