ޚަބަރު

އާދަމް ޝަރީފް އެޑިއުކޭޝަން މިނިސްޓަރަށް: ގުރުއާނަށް ދޭން ޖެހޭ ސަމާލުކަން ދެއްވާ! ނޫންނަމަ އިސްތިއުފާ ދެއްވާ!

އަލީ ޔާމިން

ސަރުކާރުން ކީރިތި ގުރުއާނަށް ތައުލީމީ މަންހަޖުގައި ދީފައިވާ ސަމާލުކަން ކުޑަކުރަމުންދިއުމަކީ ގައުމަށް ވެވޭ އެންމެ ބޮޑު އިހުމާލު ކަމަށާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެ މަގާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކީސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ކީރިތި ގުރުއާނުން އިމްތިހާނު ހެދުމުގެ އުސޫލަށް އަމަލު ކުރުން ފަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމުން އެކަމަށް ފާޑުވިދާޅުވެ، ސީއެންއެމްގެ "އިތުރު ކާފު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުން ގައުމީ މަންހަޖު ރަނގަޅަށް ތަންފީޒު ކުރަމުން ނުދާ ކަމަށާއި، ކީރިތި ގުރުއާނަށް ދީފައިވާ ސަމާލުކަން ކުޑަކޮށް އިހުމާލުވަމުން އަންނަ ކަމަށެވެ.

ކުރިން ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުގައިވެސް ހުންނެވި އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރުން ކީރިތި ގުރުއާނަށް ދޭ ސަމާލުކަން ކުޑަވުމަކީ އެޑިއުކޭޝަން މިނިސްޓަރުގެ ޒިންމާތައް އަދާ ނުކުރެއްވޭ ކަމުގެ ފުރިހަމަ ހެއްކެއް ކަމަށާއި، އެހެންކަމުން އެއްވެސް ޝަރުތަކާ ނުލައި އެކަމަނާ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.

"ހާއްސަކޮށް ގުރުއާނަށް ކުރިމަތިކުރަމުންދާ މިކަންކަމަށް އެއްވެސް ޝަރުތަކާ ނުލައި، އެޑިއުކޭޝަން މިނިސްޓަރު އެބަޖެހޭ އިސްތިއުފާ ދޭން. އެޑިއުކޭޝަން މިނިސްޓަރު އެބަޖެހޭ މިހާރު ތައުލީމީ ވުޒާރާއިން ނިކުންނަވައި ގެއަށް ވަޑައިގަންނަވަން. އެކަމަނާ ވަޑައިނުގަންނަވާ ކަމަށް ވާނަމަ ކުރީގެ އެމްޑީޕީ ސަރުކާރަށް ހެދިގޮތަށް ޑަބިޔާ ޖަހައިގެން ކަމަށް ވިޔަސް، މަގުމައްޗަށް ނިކުމެގެން ކަމަށްވިޔަސް، އެޑިއުކޭޝަން މިނިސްޓަރު އެ މަގާމުން ވަކިކޮށްފަ ނޫނީ މަޑަކުން ނުތިބޭނެ، އެހެން ނޫނީ ގުރުއާނަށް ދޭން ޖެހޭ ސަމާލުކަން ދެއްވާ!" އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ކީ ސްޓޭޖް ހަތަރެއްގައި ކިޔަވަމުން އަންނަ ދަރިވަރުން ގުރުއާނުން އިމްތިހާނު ދިނުން ފަސްކޮށްލީ ނޫން ކަމަށާއި މިއަހަރު އެ ދަރިވަރުންނަށް ޓެސްޓު ނުދޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މި ސަރުކާރަކީ އަބަދުވެސް މި ބާވަތުގެ ދީނީ ކަންކަމަށް ފަސް ޖެހޭ، އެހެން ފިކުރުތަކެއް ފަތުރަން މަސައްކަތްކުރާ ބަޔަކަށް ވާތީވެ އަޅުގަނޑު ދަންނަވާނީ ހަމަ ގަސްތުގައި ސަރުކާރުން ރޭވުމެއްގެ ތެރެއިން ގުރުއާނަށް މި ގޮތަށް ހަދަމުން ގެންދަނީއޭ." ޝަރީފު ވިދާޅުވި އެވެ.