ހުޅުމާލޭގައި ބިދޭސީ ތިން މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މި މައްސަަލައިގައި އިތުރު މީހަކު ހައްޔަރުކުރީ ރޭގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށެވެ.
އިޒްމިއާ ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެންމެ ފަހުން މިހަކާ ގުޅިގެން މިމަހު ހަވަނަ ދުވަހު ފުލުހުން ވަނީ މި މައްސަލައިގައި ހަމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ. އެ ހަމީހުންނާއި ރޭ ހައްޔަރު ކުރި މީހާއާއެކު މިހާތަނަށް ޖުމުލަ ހަތް މީހަކު މި މައްސަލައިގައި މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މިމަހު ހަތަރު ވަނަ ދުވަހުގެ ރޭ 8:10 ހާއިރުއެވެ. އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާންމުންގެ އެހީތެރިކަމާއެކުއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެފައެވެ. ފުލުހުން މިހެން ބުނެފައިވާއިރު ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ، ދިވެހީން އަޑު އަޅާފައިވާ ވީޑިއޯއެއްވެސް ހަމަލާގެ ފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މި މާރާމާރީގައި ޒަހަމު ކޮށްފާލައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނެކެވެ.
ފުލުހުން ބުނީ މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.