ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ، އެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތަކީ މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު ހުރިކަން ސާބިތުކޮށްދިނުމާއެކު ޔުނިވާސިޓީ ޑިގްރީއެއް ލިބިފައިވުމުގެ އިތުރުން ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެމްޑީޕީގެ މެންބަރެއް ކަމުގައިވުން ކަމަށެވެ.
މި މަގާމަށް ކުރިމަތިލާން ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން މިމަހުގެ 19 ވަނަ ދުވަހުގެ ކުރިން ފޯމް ހުށައެޅުމަށް އެޕާޓީން އެދެއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ ބޭފުޅެއްގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތުން މަޝްވަރާ ކުރުމަށްފަހު އެއްބަސްވާ އަގެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެެނެރަލްގެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާން ކޮށްފައި މިވަނީ، އެ މަގާމުުގައި ހުންނެވި އަނަސް އަބްދުއްސައްތާރުގެ ދައުރު ހަމަވެފައިވާތީއެވެ. އޭނާ އެ މަގާމަށް އިންތިހާބުކުރީ 11 ފެބްރުއަރީ 2015 ގައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނީ އަނަސްއެވެ.