ރާއްޖޭގެ ލީޑިން އިންސުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންސުއަރެންސްގެ ޗެއާމަން ކަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (ހިޔަލީ) އިސްތިއުފާ ދެއްވައިފިއެވެ.
ހިޔަލީ ރަޝީދު ޗެއާމަން ކަމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވާފައިމިވަނީ ހަ އަހަރު ދުވަހުގެ މުއްދަތަކަށް އެލައިޑުގެ ޗެއާމަންކަމުގެ ދައުރު އަދާކުރުމަށްފަހުއެވެ.
މިކަމާ ގުޅޭގޮތުން "ވަން" އަށް މައުލޫމާތުދެއްވަމުން އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ، ޗެއާމަން ކަމުން މުހައްމަދު ރަޝީދު އިސްތިއުފާދެއްވިކަން ކުންފުނީގެ ސެކްރެޓޭރިއެޓަށް މިއަދު އަންގާފައިވާ ކަމަށެވެ. އަދި އެބޭފުޅާ އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް އަންގާފައިވާ ކަމަށްވެސް ނިއުޝާދު ވިދާޅުވިއެވެ.
ހިޔަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި ބޭފުޅެކެވެ. ނަމަވެސް ހިޔަލީ ރަޝީދު ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ. ހިޔަލީ ރަޝީދު އެލައިޑުގެ ޗެއާމަން ކަމަށް އައްޔަނުކޮށްފައިވަނީ މިދިޔަ ސަރުކާރުގައެވެ.