ބާ ކައުންސިލުން އެ ކައުންސިލަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރާތަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު، މޫސާ ސިރާޖު ވިދާޅުވެއްޖެއެެވެ.
މޫސާ ސިރާޖު މިހެން ވިދާޅުވެފައިމިވަނީ، ގާނޫނީ ވަކީލުކަން ކިޔަވައިގެން ތިބި ގިނަ ފަރާތްތަކަށް ވަކީލު ކަމުގެ ހުވާ ލައިދިނުން ލަސްވަމުންދަތީ އެފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިއުމާ ގުޅިގެންނެވެ.
މޫސާ ސިރާޖު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކީލު ކަމުގެ ހުވާ ނުކުރެވި ގިނަ އަދަދެއްގެ މީހުން ތިބިކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"އެކުދިންނަށް ހުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ބާކައުންސިލްގެ ޒިންމާއެއް،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ގާނޫނު ވުޖޫދަށް ގެނެވިފައިވަނީ ގާނޫނީ ފަންނުގެ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ކަމަށާއި ނަމަވެސް ގާނޫނުން ލާޒިމުކޮށްފައިވާ ޒިންމާތައް ބާ ކައުންސިލުން އަދާކުރަމުންދާތަން ނުފެންނަ ކަމަށެވެ.
"ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ބާ ކައުންސިލުން އަދާކުރަމުންދާތަނެއް ނުފެނޭ. ގާނޫނު ވުޖޫދަށް ގެނެވިފައިވަނީ ގާނޫނީ ފަންނުގެ ދާއިރާގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް އެ ފަންނު ރެގިއުލޭޓް ކުރުމުގެ ބޭނުމުގައި،" އޭނާ ވިދާޅުވިއެވެ.
ސިރާޖު އިތުރަށް ވިދާޅުވީ މިހާރު ގާނޫނުގައި އޮންނަ ގޮތުން ވަކާލާތު ކުރުމުގެ ހުއްދަ ލިބެނީ ތަމްރީނެއް ފުރިހަމަކޮށް ބާ އިމްތިހާން ފުރިހަމަކޮށްގެން ކަމަށާއި ގާނޫނު މިހާރު އޮތް ގޮތުން ތަމްރީން ޕްރޮގްރާމު ހިންގުމަށް ދަތިކަމެއް ވާނަމަ އެކަމެއް އިސްލާހުކުރަން ހުށަހަޅާނެ ކަމަށެވެ.
ބާ ކައުންސިލަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އުފެއްދި ކައުންސިލެކެވެ.