އިބްރާހިމް ޒަކީ
އާ ސީޕްލޭން ޓާމިނަލް ޓްރާންސް މޯލްޑިވިއަން އެއާވޭސް(ޓީއެމްއޭ)އަށް ދިނުމުގެ މައްސަލައިގައި، ޓީއެމްއޭއަށް ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހުން ގާތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމަކީ، ޓީއެމްއޭއިން ބޭނުންވާގޮތަށް އާ ޓާމިނަލްގެ ކަންތައް ދީލައިލުމުގެ އޮއިވަރެއް ހުރިކަން އެނގިގެންދާ ކަމެއް ކަމަށް ރައްތިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމުގެ މުއާމަލާތް ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓުވީޓަކާ ގުޅިގެން، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މައްސަަލައިގެ ތެރެއަށް ރައީސް ނަޝީދު ވެންނެވުމާއި، ކުރީގެ ސަރުކާރުގެ ނިންމުމާ ގުޅިގެން ޓީއެމްއޭއަށް މި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމުން ޓީއެމްއޭއިން ބޭނުންވާގޮތަށް އާ ޓާމިނަލްގެ ކަންކަން ދީލައިލުމުގެ އޮއިވަރެއް ހުރިކަން އެނގޭ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ސީޕްލޭން ޓާމިނަލް ދިނުމުގެ މައްސަލައިގައި ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް މުހިންމު ކަމަށާއި އެ މައްސަލައިގައި ގޯސް ހެދި މީހުން ހޯދައި އަވަހަށް ތަހުގީގު ފަށަން ޖެހޭ ކަމަށެވެ.
އެމްއޭސީއެލުން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާގުޅޭ މައްސަލަ ބޮޑުވީ، ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭ ގޮތަށް އެކުންފުންޏާއި ޓީއެމްއޭއާ ދެމެދު ކުރީއްސުރެ އެއްބަސްވެ، ރަސްމީ އެގްރީމެންޓެއް އެކުލަވާލުމާ ހަމައަށް ގޮސްފައި އޮއްވައި، އެއާ ތަފާތުކޮށް މިހާރު ސަރުކާރުން އެތަން ދޭން އުޅޭތީ އެވެ.
ނަމަވެސް އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައި އުސޫލުތައް އާންމުކޮށްފައެވެ. އެގޮތުން ސަރުކާރުން ނިންމީ ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. އަދި ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުންނަމަ އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ދޭ ގޮތަކަށެވެ.
މައްސަލަ ބޮޑުވެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ސީ ޕްލޭން ޓާމިނަލްއާ ގުޅޭ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު 2017 ގައި މަޝްވަރާކުރި ގޮތަށް މާކެޓް އަގަށްވުރެ ކުޑަކޮށް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދީފިނަމަ، އަހަރަކު 44 މިިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލްއަށް ގެއްލިދާނެއެވެ.
އޮޑިޓުން ފެންނަން އޮތް ގޮތުގައި، ވަކިވަކި ސީޕްލޭން އޮޕަރޭޓަރުންނާއި އެމްއޭސީއެލުން މަޝްވަރާކޮށްފައިވާ އަގުތަކުގައި އެތަން ދޫކޮށްފިނަމަ އަހަރަކު އެ ކުންފުންޏަށް 5.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 86.5 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އޮޑިޓުން ދައްކައެވެ.
އޮޑިޓުގައި ލަފާކޮށްފައިވާ ގޮތުން، އެމްއޭސީއެލުން އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން އޮފީސް ހިންގުމަށާއި ޓޫރިސްޓުންނަށް ލައުންޖް ހަދަން ބިން ދޫކޮށްފައިވާ ރޭޓަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ ދީފިނަމަ އަހަރެއްގެ ތެރޭގައި އެމްއޭސީއެލަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެއެވެ.
އެ މައްސަލައިގައި ޓީއެމްއޭއިމް ތަކުރާރުކޮށް ބުނަމުން އަންނަނީ، ކުރީގެ ސަރުކާރުން ވަނީ އެމީހުންނާއެކު ގިނަ މުއާމަލާތްތަކެއް އަނގަބަހުންނާއި ލިޔެކިޔުމުން ވެސް ބަދަލުކޮށްފައި ކަމަށާއި ޓީއެމްއޭއިން ވެސް އެއްބަސްވާ ގޮތަށް އެގްރީމެންޓެއް ހަދައި އޭގެ ޑްރާފްޓްވެސް ކުރީ ސަރުކާރުން ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލަ އޭސީސީން މިހާރު ބަލަމުންދާއިރު މައްސަލައިގައި ފާހަގަ ކުރެވޭކަންތައްތައް ހާމަކޮށް އޭސީސީން މިއަދު ވަނީ ބަޔާނެއްވެސް ނެރެފައެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީޕްލޭން އޮޕަރޭޓަރުން ތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި ދައުލަތަށް ފައިދާއެއްވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނައީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.