އިބްރާހިމް ޒަކީ
އާ ސީޕްލޭން ޓާމިނަލް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭއަށް ކުއްޔަށް ދޭން 28 ނޮވެމްބަރު 2017 ގައި އެމްއޭސީއެލްގެ ބޯޑު ބައްދަލުވުމެއްގައި މަޝްވަރާ ކުރި އިރު އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިއްބެވި ބޭފުޅުންނާއި މިހާރު ތިއްބެވި ބޭފުޅުންނާއި، ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ މަސްލަހަތު އޮންނަ ކަމަށް އޭސީސީން ބުނެފިއެވެ.
އާ ސީޕްލޭން ޓާމިނަލް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދިނުގެ މައްސަލައިގައި އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެފަރާތްތަކާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަ ކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ ބައެއް ފަރާތްތަކާއި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު ވެސް އެކުންފުނިތަކުގައި އޮންނަ ކަމަށެވެ.
"28 ނޮވެމްބަރު 2017 ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ސީޕްލޭން އޮޕަރޭޓަރުންނަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ، އަކަމީޓަރަކަށް މަހަކަށް 10.35 ޑޮލަރުގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް މަޝްވަރާ ކުރިއިރު، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ސީޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނި ކަމަށްވާ ޓީއެމްއޭ އާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑާ އާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަ ކުރެވިފައިވާއިރު، އެމްއޭސީއެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެކުންފުނިތަކުގައި އޮންނަންކަން އެނގޭ،" އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ ފަރާތްތަކުގެ މަަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމްއޭސީއެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާ ކަން ކޮމިޝަންގެ ތަހުގީތަށް ފާހަގަ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އޭސީސީން ބުނީ މި މައްސަަލައާ ގުޅގެން އެ ކޮމިޝަންގެ ތަގުގީގަށް މިހާތަނަށް ފާހަގަ ކުރެވުނު ކަންތައްތަކުގެ މައްޗަށް ރިއާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށެވެ.
ހަމަ އެއާއެކު މި މައްސަލާގައި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް، ނުވަތަ ސީޕްލޭން އޮޕަރޭޓަރުން ތަކަކަށް ނާޖާއިޒް ފައިދާ ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމާއި، ދައުލަތަށް ފައިދާއެއްވާން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލު ކޮށްފަިއވާ ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނައީ ތަހުގީގު ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭސީސީން ބުނެފައިވެއެވެ.