ޚަބަރު

ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ގުރުއާނުން އިމްތިހާން ކުރުން މަޑުޖައްސާލަން ނިންމައިފި

މަރިޔަމް ޝަހުދާ

ގްރޭޑް ނުވައެއް އަދި 10 އެއް ހިމެނޭ ކީ ސްޓޭޖު ހަތަރެއްގެ ދަރިވަރުން، ގުރުއާން މާއްދާއިން އިމްތިހާން ކުރުމުގެ އުސޫލަށް އަމަލު ކުރުން ފަސްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރެއްވައި ސްކޫލުތަކަށް މިއަދު ފޮނުއްވި ސާކިއުލާއެއްގައި ވިދާޅުވީ، ގައުމީ މަންހަޖެއް ތަންފީޒު ކުރުމަކީ ވަކި ތަރުތީބަކުން، ވަކި އުސޫލަކުން ކުރާ ކަމެއް ކަމަށްވާއިރު ވަކި މާއްދާއެއްގެ އިމްތިހާން ހެދޭނީ އެ މާއްދާއެއް ގައުމީ މަންހަޖުގައި ހިމެނޭ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްގެން ކަމަށެވެ.

އެގޮތުން މިހާރު ކީ ސްޓޭޖުގައި ތިބި ދަރިވަރުންނަށް ގުރުއާން މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށީ މުޅިން އަލަށް ކަމަށްވުމާއެކު އެ ފެންވަރުގައި ކީރިތި ގުރުއާން ކިޔަވައިދިނުމުގައާއި އިމްތިހާންކުރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ސާކިއުލާގައިވެއެވެ.

"މިކަންކަމަށް ރިއާޔަތްކޮށް، ކީސްޓޭޖް ހަތަރެއް މުގައްރަރާ އެއްގޮތަށް ދަރިވަރުން ތައްޔާރު ކުރެވެންދެން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ކަނޑައަޅާފައިވާ އިމްތިހާނު ކުރުމުގެ އުސޫލަށް އަމަލު ކުރުން ފަސްކޮށްލުމަށް ހަމަޖައްސައިފީމެވެ،" އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އެ ނިންމުމަކީ ގިނަ ބަޔަކާ މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް ކަމަށާއި އަދި މިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރަނީ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ސްކޫލުތަކުގައި ގުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ކަމަށެވެ.

ގްރޭޑް 10 ގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ތައްޔާރުވާން ވަގުތު ނުދީ ގުރުއާން މާއްދާއިން އެސްއެސްއީ އިމްތިހާން ދިނުމަށް ނިންމާފައިވާ ކަމަށް ބުނެ، އެކި ސްކޫލުތަކުގެ 400 ބެލެނިވެރިން ސޮއިކޮށް ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.