ޚަބަރު

ވަޒީރުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް ސީއެސްސީން އެދިއްޖެ

އައިދާ އަބްދުލް ހަކީމް

1

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

ސީއެސްސީގެ މަސައްކަތްތައް ލަސްވުމުން މިނިސްޓްރީތަކަށް ދަތިތައް ކުރިމަތިވެ އަދި ބައެއް ކަންކަމާ މެދު އެ ކޮމިޝަނާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެން ބައެއް ކަންކަން ހުއްޓިފައި ހުރި ކަމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ގިނަ ވަޒީރުންތަކެއް ވަނީ ވިދާޅުވެފައެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީންނާއި ސިވިލް ސާވިސްގެ ގާނޫނުން މަތިކޮށްފައިވާ ސީއެސްސީން ސިވިލް ސާވިސްގެ އިދާރާތަކަށް ދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ސިވިލް ސާވިސްގެ މަސްއޫލު އޮފީސްތަކުގެ ތެރޭގައި ހިމެނޭ ބައެއް ވުޒާރާތަކުގެ ވަޒީރުން ކޮމިޓީ ބައްދަލުވުމުގައި ފާޅުކުރައްވާފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެ ކޮމިޝަނުން ނިހާޔަތަށް ކަންބޮޑުވާ ކަމަށެވެ.

"10 ފެބްރުއަރީ 2020 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމަށް ކޮމިޝަނުން ބޭނުންވާތީ، މިކަމުގެ ހަގީގަތް ދެނެގަތުމަށާއި، މިކަމާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި އެފަދަ ފުރުސަތެއް ލިބޭނެ ގޮތް ފަހިކޮށްދެއްވުމަށް ކޮމިޝަނުން އެދިފައިވާނެ ވާހަކަ އާންމުކޮށް ބަޔާންކުރަމެވެ..،" އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ސީއެސްސީން ބުނީ ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިންގެ ކަންބޮޑުވުންތައް ދެނެގަތުމަށާއި އެކަންކަމާ ގުޅިގެން ކޮމިޝަނުން އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމަށް ވުޒާރާތަކުގެ ވަޒީރުންނާ ބައްދަލުކުރުމަށް ކޮމިޝަނުން ބޭނުންވާތީ ވަޒީރުންގެ އަރިހުގައި އެކަމަށް އެދިފައިވާނެ ކަމަށެވެ.

ސީއެސްސީން އަބަދުވެސް މަސައްކަތްކުރަމުން ގެންދަނީ ސިވިލް ސާވިސްގެ ގާނޫނުން ކޮމިޝަނާ މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތުތައް ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ކަނޑައަޅާފައިވާ މިންތަކާއި އިންތަކާއި ހުދޫދުގެ ތެރެއިން ކަމަށާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ގާނޫނުން ލިބިދީފައިވާ ހައްގުތައް ކަށަވަރުކުރުމާއެކު ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އަވަސް އަދި ހަލުވި ގޮތެއްގައި ދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސިވިލް ސާވިސްގެ އިދާރާތަކަށާއި ވަޒީރުންނަށް ދޭން ޖެހޭ އެއްބާރުލުން ކޮމިޝަނުން އަބަދުވެސް ދެމުން ގެންދާނެ ކަމަށް ސީއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"ދިވެހިރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން އެކަށީގެންވާ މިންވަރަށް އިދާރާތަކަށް މުވައްޒަފުން ހޯދައިނުދެވުމާއި، މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެކަށީގެންނުވުމާއި، ރާއްޖޭގެ ސިޔާސީ މާހައުލު އޮތްގޮތުން މުވައްޒަފުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި ދެމެހެއްޓުމަށް ގިނަ ގޮންޖެހުންތަކެއް ކޮމިޝަނަށް ކުރިމަތިވެފައިވެއެވެ..،" ސީއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ވަޒީރުންނާއެކު ކޮމިޓީން ބޭއްވި ބައްދަލުވުމަށް ފަހު، ދެން އޮތް ބައްދަލުވުމުގައި އެ ކޮމިޓީން ވަނީ ސީއެސްސީގެ ބައެއް މެންބަރުން މަގާމުން ވަކިކުރަން ފާސްކޮށްފައެވެ. އެކަމަކު، އެ މެންބަރުން ވަކިކުރުމާ މެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަކަށް އަދި ނުފޮނުވައެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަމީމް ވަނީ ސިވިލް ސާވިސްގެ މަސައްކަތުގައި އެއްވެސް ވަރަކަށް އިހުމާލުވެފައި ނޯންނާނެ ކަމަށާއި އަދި ޖަވާބުދާރީވުމަށް ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފައެވެ.

މިނިވަން މުއައްސާސަތަކާ ބެހޭ ކޮމެޓީން މިދިޔަ އަންގާރަ ދުވަހު ނިންމީ ސިވިލް ސާވިސް ކޮމިޝަންގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު އިބްރާހިމް ޝަހީގް އަދި ޒަކަރިއްޔާ ހުސެއިން ވަކިކުރުމަށެވެ. ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފާތުމަތު އާމިރާ މަގާމުން ވަކިކުރާކަށް ނުނިންމައެވެ.

އެ ހަތަރު މެންބަރުން ވަކިކުރަން ނިންމީ އެ މެންބަރުންނާ ގުޅޭ މައްސަލަތަކެއް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބެލުމަށްފަހުއެވެ. އެގޮތުން ހަތަރު މެމްބަރުން މަގާމުން ވަކިވާނީ، ކޮމިޓީގެ ނިންމުން މަޖިލީހުގެ ތަޅުމަށް ފޮނުވައި މެންބަރުންގެ ވޯޓުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟