ޚަބަރު

40 އަހަރުން ދަށުގެ އެންމެނަށް ހިމަބިހީގެ ވެކްސިން ޖަހާ ޕްރޮގްރާމެއް މާލެ ސަރަހައްދުގައި ފަށައިފި

މަރިޔަމް ޝަހުދާ

ބިދޭސީންވެސް ހިމެނޭ ގޮތަށް 40 އަހަރުން ދަށުގެ އެންމެނަށް ހިމަބިހީގެ ވެކްސިން ޖަހާ ޕްރޮގްރާމެއް މާލެ ސަރަހައްދުގައި ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ ހިމަބިއްސާއި ކޮރޯނާ ވައިރަސްގެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މިއަދު މެންދުރުފަހު 02:00 އިން ފެށިގެން މާލޭގެ ހަތަރު ތަނެއްގައި، އުމުރުން 40 އަހަރު ނުވާ ފަރާތްތަކުގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯ އާއި ހަވާލާދީ އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަޝީދު ވަނީ ރާއްޖޭގައި ހިމަބިހި ޖެހުމުގެ ފުރުސަތު ބޮޑީ 25 އަހަރުން ދަށުގެ މީހުންނަށް ކަމަށް ބުނެފައެވެ. ނަމަވެސް 40 އަހަރުން ދަށުގެ މީހުން ހިމަބިހި ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމަށް ބާރު އަޅަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވަނީ ޑަބްލިއުއެޗްއޯއިން މި އުމުރުފުރާ ކަނޑައެޅުމުގައި ބަލާފައިވަނީ މީގެ ކުރިން ރާއްޖޭގައި ހިމަބިހި ފެތުރުނު ދުވަސްވަރުގެ ހާލަތަށް ކަމަށެވެ. އަދި އެއްފަހަރު ނަމަވެސް ހިމަބިހީގެ އަސަރު ކޮށްފި ނަމަ ބަލިން ދިފާއުވުމުގެ ނިޒާމު އެމީހެއްގެ ހަށިގަނޑުގައި އުފެދޭނެ ކަމަށާއި އެބަލި ރާއްޖޭގައި ހަލުވިކޮށް ފެތުރުނު ދުވަސްވަރު ތިބި އެންމެނަށް ވެސް ކޮންމެވެސް ވަރަކަށް އެ ބަލީގެ އަސަރު ކޮށްފައިވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދުން ފެށިގެން ތިންމަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ފެށި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މާލޭގައި ދަމަނަވެއްޓާއި ސޯޝަލް ސެންޓަރު، ހުޅުމާލޭގައި ހުޅުމާލެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް (ދެވަނަ ފަންގި ފިލާ، ރެޑްވޭވް މެގަމޯލް ކުރިމަތި) އަދި ވިލިމާލެ ގައި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިމަހު 23އިން ފެށިގެން މި ޕްރޮގްރާމް މުޅި ރާއްޖޭގައި ކުރިއަށް ގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހިމެނޭ ގޮތަށް 40 އަހަރުން ދަށުގެ ހުރިހާ އެންމެނަށް މީސަލްސް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ވެކްސިން ނުޖަހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ސްކޫލްތަކަށް ގޮސް ވެކްސިން ދޭނެ ކަމަށާއި، މުވައްޒަފުން ގިނަ މުއައްސަސާތަކަށްގޮސް ވެސް ވެކްސިން ދިނުމުގެ ހިދުމަތް ދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބިދޭސީންނަށް ވެކްސިން ދިނުމުގެ މަސައްކަތަކީ ރާއްޖެއިން ހިމަބިހި ނައްތާލުމަށްފަހު، "ޕޯސްޓް-އެލިމިނޭޝަން" ހާލަތުގައި ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން ކުރާ ކަމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން 173 މީހަކު ހިމަބިއްސަށް ޓެސްޓުކޮށް 12 މީހަކު މި ބައްޔަށް ޕޮސިޓިވް ވެފައިވާ ކަމަށް މިނިސްޓަރު އަމީން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. އަދި މިހުރިހާ ކޭސްތަކެއް ފެނިފައިވަނީ މާލެ ސަރަހައްދުން ކަމަށާއި، މިއިން ކޮންމެ ކޭސްއަކާއި ގުޅިގެން އެމީހަކު ދިރިއުޅޭ ސަރަހައްދު ވަށައިގެން އުޅޭ ސަރަހައްދުގައި އުޅޭ މީހުންގެ ތެރެއިން 1384 މީހަކަށް ވެކްސިން ދީފައިވާނެ ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.