އިބްރާހިމް ޒަކީ
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިހާބުކުރަން ބާއްވާ އިންތިހާބުގައި ވޯޓުލެވޭނީ އެރަށެއް ނުވަތަ ސިޓީއެއްގައި ރަށްވެހި ވެފައިވާ މީހުންނަށް ކަމަށް ކަނޑައަޅަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާ ނުވަ ވަނަ ބިލުގެ ގޮތުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ހުށަހެޅުއްވި މި ބިލުގައި، އެ ގާނޫނުގެ އެހެން ބައެއް މާއްދާތަކަށް ވެސް ކުދި ކުދި ބައެއް އިސްލާހު ގެނެސް ބައެއް މާއްދާ އުނި ކުރުމަށް ވަނީ ހިމަނައިފައެވެ.
ގާނޫނުގައި މިހާރު އޮންނަނީ އެރަށެއްގައި ދިރިއުޅޭ، ވޯޓު ލުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކަށްވެސް އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓު ލެވޭނެ ކަމަށެވެ.
އަންހެނުންގެ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަކީ، ލޯކަލް ކައުންސިލް އިންތިހާ ބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރާ ޝަރުތުތައް ކަމަށް ކަނޑައަޅަންވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ.
ގާނޫނުގެ ބައެއް މާއްދާތައް އުވާލުމަށްވެސް މި ބިލުގައި ވަނީ ހިމަނައިފައެވެ.
އެގޮތުން ސިޓީކައުންސިލްގެ ރައީސަށް މުހާތަބު ކުރާނީ މޭޔަރުގެ ގޮތުގައި ކަމަށާއި، ނައިބު ރައީސަށް މުހާތަބު ކުރާނީ ޑިޕިއުޓީ މޭޔަރުގެ ގޮތުގައި ކަމަށް ބުނެފައިވާ 49 ވަނަ މާއްދާ އުވާލުމަށްވެސް އިސްލާހުގައި ވަނީ ހިމަނައިފައެވެ.
ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ސިޓީ ކައުންސިލްތަކުގެ އިސްކޮށް ހުންނަވާނީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އަވަށު އޮފީސްތަކުގެ އާމްދަނީ އާއި ހަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު ކޮންމެ އަހަރެއް ނިމޭތާ ދެމަސް ދުވަހުގެ ތެރޭގައި ސިޓީކައުންސިލަށް، ހުށަހަޅަން ވާނެ ކަމަށް ބުނެފައިވާ، 102 ވަނަ މާއްދާގެ (ރ) އުނިކުރުމަށްވެސް އިސްލާހުގައި ހިމަނާފައި ވެއެވެ.
އެންމެ ފަހުން ގާނޫނަށް ގެނައި އިސްލާހުގައި އަވަށު އޮފީސްތައް ގާއިމް ކުރާގޮތަށް ކަނޑައަޅާފައިވަނީ ސިޓީ ކައުންސިލްތަކުން ދޭ ހިދުމަތްތައް ދިނުމަށް އެ ކައުންސުލްތަކުންނެވެ. އަދި އެ އޮފީސްތަކުގެ މާލީ ކަންތައްތައް ހަމަޖެއްސުންވެސް ވަނީ ސިޓީކައުންސިލްތަކަށް ލާޒިމް ކޮށްފައެވެ.
ރަށު ކައުންސިލްގެ މަޝްވަރާގެ މަތިން ކޮންމެ ރަށެއްގައި އެރަށެއްގެ ބިން ބޭނުން ކުރުމާބެހޭ ގޮތުން ބިމާބެހޭ ވުޒާރާއިން ޕްލޭނެއް ތައްޔާރު ކުރަންވާނެ ކަމަށާއި، ރަށުގައި މީހުން އުޅޭ ސަރަހައްދާއި ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ބިންތަކާއި ރަށުގެ ރައްޔިތުން ބޭނުމަށް ކަނޑައެޅޭ ބިންތައް ފާހަގަ ކުރެވިފައި ހުންނަންވާނެ ކަމަށް ގާނޫނުގައި ބުނެފައިވާ 145 ވަނަ މާއްދާ އުނި ކުރުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.
ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހެދުމުގެ ކަންތައްތައް މިހާރު ގާނޫނުން ހަވާލު ކޮށްފައި ވަނީ އެ ރަށެއްގެ ރަށު ކައުންސިލާއެވެ. މި ބިލްގައި އަލީ ނިޔާޒު ފާހަގަ ކުރައްވާފައިވަނީ މިއީ ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން ގެންނަން ޖެހޭ އިސްލާހެއްގެ ގޮތުގައެވެ.
އޭނާ ވިދާޅީ "ސަރުކާރުން މިބިލު ހުށަހެޅުމުގެ ބޭނުމަކީ (ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކުރިން އިސްލާހު ކުރަން ޖެހޭ ކަންކަން ހުރުމާއެކު، އެކަންކަން އިސްލާހު ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން،" ކަމަށެވެ.
ލޯކަލް ކައުންސިލް ތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.