އާ ސީޕްލޭން ޓާމިނަލުގެ ބޮޑު ބައެއް ޓްރާންސް މޯލްޑިިއަން އެއާވޭސް، (ޓީއެމްއޭ)އަށް ދިނުމަކީ ސަރުކާރަށް ގެއްލުން ލިބޭ ގޮތަށް ދުރާލައި ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވެފައި ވަނީ އެމްއޭސީއެލްގެ ބޯޑް މެންބަރަކަށް މިދިޔަ އަހަރު އިބްރާހީމް ނޫރައްދީން އައްޔަން ކުރި ހަބަރާއެކު ކުރެއްވި ޓުވީޓެއްގައެވެ.
އާ ސީޕްލޭން ޓާމިނަލުގެ މައްސަލައިގައި ޓީއެމްއޭއަށް ބަދަލެއް ދޭން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނުވާކަމަށް ޑރ. ޖަމީލު ވިދާޅުވި އެވެ. ޓީއެމްއޭގެ ޑިރެކްޓަރުންނާއި ގާތް ބަޔަކު އެމްއޭސީއެލްގައި ތިބި ކަމަށް ޑރ. ޖަމީލު ތުހުމަތު ކުރެއްވިއެވެ. އަދި ޓީއެމްއޭ ޑިރެކްޓަރުންނާއި ގާތް ބަޔަކު އެމްއޭސީއެލްގެ ބޯޑުގައި ތިބުމުން ކަންކަން "ޒާތީ" ވާ މިންވަރު ފެންނަ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްއޭސީއެލް އަދި ޓީއެމްއޭގެ މުއާމަލާތް ހިންގާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ކަމަށާއި އެ މައްސަލައިގައި ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވެ ޓީއެމްއޭ އަށް ބަދަލު ދޭން ޖެހުން ގާތް ކަމަށް ވިދާޅުވެފައެވެ.
އެމްއޭސީއެލުން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ މައްސަލަ ބޮޑުވީ، ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭ ގޮތަށް އެކުންފުންޏާއި ޓީއެމްއޭއާ ދެމެދު ކުރީއްސުރެ އެއްބަސްވެ، ރަސްމީ އެގްރީމެންޓެއް އެކުލަވާލުމާއި ހަމައަށް ގޮސްފައި އޮއްވައި، އެއާ ތަފާތުކޮށް މިހާރު ސަރުކާރުން އެތައް ދޭން އުޅޭތީ އެވެ.
ނަމަވެސް އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައި އުސޫލުތައް އާންމުކޮށްފައެވެ. އެގޮތުން ސަރުކާރުން ނިންމީ ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. އަދި ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުންނަމަ އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ނަގާ ގޮތަކަށެވެ.