ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގާއި ދައުވާ އުފުލުން އަވަސްކުރުމާއެކު، ޝަރީއަތް ފަށާ ހިސާބުން ދެތިން ދުވަހުގެ ތެރޭގައި ހުކުމާ ހަމައަށް ދާން މަސައްކަތް ކުރަން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހުށަހަޅުއްވައިފިއެވެ.
ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޝަމީމް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި އެ އޮފީހުން ބޭނުންވަނީ ހެނދުނު އަށެއް ޖަހާއިރު ފަށާ ޝަރީއަތް ހަވީރު ހަތަރެއް ޖަހަން ދެން ގެންދަން ކަމަށެވެ.
"ދެވަނަ ދުވަހު ވެސް މައްސަލަ ކުރިއަށް ގެންގޮސް ތިންވަނަ ދުވަހު ހުކުމާ ހަމައަށް ދާންވީއޭ. ތިން ދުވަސް ތެރޭގައި ނުވަތަ ހަތަރު ވަރަކަށް ދުވަސް ތެރޭގައި މައްސަލަ ނިންމޭ ގޮތަށް ތައްޔާރުވެގެން ކުރިއަށް ދާން އަސްލު އަޅުގަނޑުމެން ބޭނުން ވަނީ. އެއީ އަސްލު ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަސައްވަރުކޮށްފައި އޮތް ގޮތަކީ ވެސް،" ޝަމީމް ވިދާޅުވިއެވެ.
އެގޮތަށް އަމަލު ކުރުމުން އެންމެންނަށް ފަސޭހަވެގެންދާނެ ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.
"އެގޮތަށް މައްސަލަތައް ނިންމުން އަޅުގަނޑުމެންނަށް އަދި ކޯޓުތަކަށް ވެސް މާ ރަނގަޅުވާނެ. ހެކިންގެ ހެކިބަސް ލިބުން ވެސް މާ ފަސޭހަ. އަވަހަށް މައްސަލަ ނިމެން ވެސް ނިމޭނެ. އަދި ހަމަ ދިފާއީ ވަކީލުންނަށް ވެސް ރަނގަޅު. އެއްފަހަރުން މައްސަލަ ނިމެންޏާ ހުރިހާ އެންމެންނަށް ވެސް ރަނގަޅު." ޝަމީމް ވިދާޅުވިއެވެ.
މީގެ އިތުރުން ކޯޓުތަކުން މައްސަލަތައް މިހާރު ތާވަލުކުރަނީ އެއްގަޑިއިރަށް ކަމަށާއި އެއީ އެއްވެސް ފޮތެއްގައި ލިޔެފައިވާ އުސޫލެއް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ހުރިހާ މުއައްސަސާތަކުން ގުޅިގެން އެގޮތަށް ކުރިއަށް ދެވިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރުބޮޑުވެ، އިންސާފު ގާއިމުވާނެ ކަމުގެ ޔަގީންކަން ބޮޑުވާނެ ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.