މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އަށް ޖާގަ ދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ރަނގަޅު ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. އެއީ ގާތްގަނޑަކަށް 5000 އަކަމީޓަރުގެ ޖާގައެކެވެ.
ނަމަވެސް އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ އިއްޔެ ކޮމިޓީއަށް ހާޒިރުކުރުމުން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލުން ނިންމިކަމުގެ އެއްބަސްވުމުގެ ދެލިކޮޕީއެއް ތައްޔާރުކޮށް އެކުންފުނީގެ ހިޔާލު ހޯދަން ވެސް ފޮނުވި ކަމަށެވެ.
އެ އެއްބަސްވުމުގައި ދެ ފަރާތަކުން ވެސް ސޮއިކޮށްފައެއް ނުވެއެވެ.
މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ، މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް ޓީއެމްއޭއަށް ދޭން ސަރުކާރުން ނިންމި ނިންމުން ރަނގަޅު ކަމަށެވެ. އަދި މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލް ރޫޅައި ނުލެވި ލަސްވުމުން އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ލަސްވެ، އެމްއޭސީއެލް އަށް ވެސް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށާއި އެހެންކަމުން އެ މައްސަލަ ވަރަށް އަވަހަށް ނިންމަންޖެހޭ ކަމަށެވެ.
ޓީއެމްއޭއަށް އާ ޓާމިނަލުން ދޭނެކަމުގެ ޔަގީންކަން ދިން ޖާގައިން ބައެއް ރިސޯޓުތަކަށް ލައުންޖް ހަދަން ޖާގަ ވިއްކާފައިވާ ކަމަށް ޓީއެމްއޭގެ ވެރިން އިއްޔެ ދެއްކެވި ވާހަކަތަކަށް ވެސް އޮޑިޓަރު ޖެނެރަލް ވަނީ ރައްދު ދެއްވައިފައެވެ. ހަސަން ވިދާޅުވީ، ޓީއެމްއޭ އަތުގައި ނެތް އެއްޗެއް ރިސޯޓުތަކަށް ވިއްކުމަކީ އެކުންފުނީގެ އަމިއްލަ މައްސަލައެއް ކަމަށެވެ.
އެގޮތުން އާ ޓާމިނަލް ޓީއެމްއޭ އަށް ދޭން އެމްއޭސީއެލުން ނިންމާފައި ނުވާ ކަމަށާއި ކުރިއަަށް ގެންގޮސްފައިވަނީ ހަމައެކަނި މަޝްވަރާތަކެއް ކަމަށްވާއިރު އެފަދަ ކަމެއް ކުރަންވާނީ އެއްބަސްވުމެއް އޮވެގެން ކަމަށެވެ. އަދި އެފަދަ އެއްބަސްވުމެއް ނެތި ޓީއެމްއޭ އަށް ލިބޭނެ ކަމަށް ބެލެވޭ އެއްޗެއް ވިއްކުމުގެ ޒިންމާ އެމްއޭސީއެލުން އަދި ދައުލަތަކުން ވެސް ނަގަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.