އަލީ ޔާމިން
ބޭނުންވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާއެކު ލިޔުމުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާން ކަމަށާއި ނޫންނަމަ ރާއްޖެ އަންނަ އިންވެސްޓަރުން ކަންބޮޑުވާނެ ކަމަށް ރާއްޖޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިިއަން އެއާވޭސް (ޓީއެމްއޭ) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާގުޅޭ މައްސަލަ ބޮޑުވީ، ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއަށް ދޭން ހަވާލުކުރާ ގޮތަށް އެކުންފުންޏާއި ޓީއެމްއޭއާ ދެމެދު އެއްބަސްވުމެއް އެކުލަވާލުމާއި ހަމައަށް ގޮސްފައި އޮތުމުން، އެ އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެއެވެ.
ނަމަވެސް އެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ސަރުކާރުން ވަނީ އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ކަނޑައަޅައި އުސޫލުތައް އާންމުކޮށްފައެވެ. އެގޮތުން ސަރުކާރުން ނިންމީ ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. އަދި ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުންނަމަ އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ނަގާ ގޮތަކަށެވެ.
ނަމަވެސް އެ ނިންމުމާއި ގުޅިގެން ޓީއެމްއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ޑިސެމްބަރު 10، 2017 ގައި އެމްއޭސީއެލުން ޓީއެމްއޭއަށް ފޮނުވާފައިވާ ސިޓީގައި، އެމްއޭސީއެލްގެ ބޯޑުން ޓީއެމްއޭއަށް އާ ޓާމިނަލުން 31،000 އަކަ މީޓަރުގެ ޖާގަ (އެމްއާރްއޯ ޖާގައާއެއްކޮށް) ފިކްސްޑް ކުލީގެ ގޮތުގައި އަކަ މީޓަރަކަށް މަހެއްގެ މައްޗަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓުން އަދި ވޭރިއެބަލް ޗާޖެއްގެ ގޮތުގައި ފަސިންޖަރަކަށް ފަސް ޑޮލަރުގެ ރޭޓުންވާ ގޮތަށް، ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުން އެމްއޭސީއެލުން ނިންމާފައިވަނިކޮށް އޭގެ ހަފްތާއެއް ފަހުން، ޑިސެމްބަރު 17، 2017ގައި ޓީއެމްއޭ އިން ވަނީ އެމީހުންގެ މެޖޯރިޓީ ހިއްސާ 500 މިލިއަން އެމެރިކާ ޑޮލަރަށް ބެއިން ކެޕިޓަލަށް ވިއްކާލައިފައެވެ.
ޓީއެމްއޭ އިން ބުނީ އެމްއޭސީއެލްއާއެކު ވެފައިވާ އެ އެއްބަސްވުމަކީ ބެއިން ކެޕިޓަލުން އެކުންފުނީގެ މެޖޯރިޓީ ހިއްސާ ގަތުމުގައި އެންމެ ބޮޑު ބުރަދަނެއް ވެވުނުކަން ކަމަށެވެ. އެގޮތުން އެކަމުގެ ސަބަބުން ޓީއެމްއޭގެ ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތްކަމުގެ ޔަގީންކަން ލިބި، ޓީއެމްއޭގެ އޮޕަރޭޝަންގެ ހަރަދުތައް ސާފުކޮށް ބެއިން ކެޕިޓަލަށް އެނގިގެން ދިޔަ ކަމަށް ބުނެފައިވެއެވެ.
"...ލިޔުމުން ވެފައިވާ އެއްްބަސްވުން ދޫކޮށްލުމަށް ސަރުކާރުން ނިންމައިފިނަމަ ބެއިން ކެޕިޓަލުން ކޮށްފައިވާ އިންވެސްޓްމެންޓްގެ އަގަށް ނޭދެވޭ ބޮޑު އަސަރެއް ކުރާނެއެވެ. މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އިންވެސްޓް ކުރުމަށް ވިސްނާ ބޭރުގެ ފަރާތްތަކުން ކަންބޮޑުވާނެއެވެ.،" ޓީއެމްއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެހެން ކަމުން އެގޮތަށް އަމަލުކޮށް ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެދި ސީ ޕްލޭން ޓާމިނަލްއާ ގުޅޭ އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުން އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު 2017 ގައި މަޝްވަރާކުރި ގޮތަށް މާކެޓް އަގަށްވުރެ ކުޑަކޮށް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދީފިނަމަ، އަހަރަކު 44 މިިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލްއަށް ގެއްލިދާނެއެވެ.
އޮޑިޓުން ފެންނަން އޮތް ގޮތުގައި، ވަކިވަކި ސީޕްލޭން އޮޕަރޭޓަރުންނާ އެމްއޭސީއެލުން މަޝްވަރާކޮށްފައިވާ އަގުތަކުގައި އެތަން ދޫކޮށްފިނަމަ އަހަރަކު އެ ކުންފުންޏަށް 5.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 86.5 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް އޮޑިޓުން ދައްކައެވެ.
އޮޑިޓުގައި ލަފާކޮށްފައިވާ ގޮތުން، އެމްއޭސީއެލުން އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން އޮފީސް ހިންގުމަށާއި ޓޫރިސްޓުންނަށް ލައުންޖް ހަދަން ބިން ދޫކޮށްފައިވާ ރޭޓަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ ދީފިނަމަ އަހަރެއްގެ ތެރޭގައި އެމްއޭސީއެލަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެއެވެ.