ޚަބަރު

ގިރާވަރު ކައިރިން މީހަކު ނެތް ބޯޓެއް އޮޔާދާތީ ސަމާލުވާން އަންގައިފި

އަލީ ޔާމިން

ކ. ގިރާވަރުގެ އުތުރު ކަނޑުން ބޯޓެއް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ "ބަރޯސާ" ނަމަކަށް ކިޔާ އެ ބޯޓަކީ އެއްވެސް މީހަކު ނެތް ބޯޓެއް ކަމަށެވެ. އަދި އެބޯޓު އޮޔާދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 16:00 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، ރާއްޖޭގެ ކުންފުންޏަކަށް ނިސްބަތްވާ އެ ބޯޓް އޮޔާދަނީ ކ. ގިރާވަރު ކަނޑުން ހުޅަނގަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ބޯޓު އޮޔާދާތީ ބޯޓުގެ ވެރިފަރާތުން ދަނީ ކަފުޖަހާނެ އެހެން އުޅަނދެއް އެ ސަރަހައްދަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ކަމަށާއި އެ ސަރަހައްދު މޮނީޓާ ކުރުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އުޅަނދެއް އެ ސަރަހައްދަށް މިހާރު ދަތުރުކުރަމުންދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.