ރާއްޖޭގައި ދައުލަތަށް އެންމެ ގިނަ ޓެކްސް ދައްކާ ދާއިރާ އަކީ ކ. ގުރައިދޫ ދާއިރާ ކަމަށާއި އެހެން ކަމުން އެދާއިރާއަށް ދަތުރުފަތުރުކުރާ ފަރާތްތަކަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖެހެން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ ޓްރާންސްޕޯޓު އެންޑް ކޮމިޔުނިކޭޝަން މިނިސްޓަރު އާދިލް ސަލީމް ވިދާޅުވެއްޖެ އެވެ.
ގުރައިދޫ ދާއިރާއަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބިދޭން ޖެހޭ ކަމަށް ވިދާޅުވެ އާދިލް ކުރައްވައިފައިވާ ޓުވީޓަކާ ގުޅިގެން "ވަން އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ އެކި އިންޑަސްޓްރީ ތަކާއި މި ފަދަ ބޮޑެތި ޓްރެފިކް އޮންނަ ދިމަދިމާ އަށް ތަފާތު އިންތިޒާމުތައް ހަމަޖެއްސުމަކީ ދުނިޔޭގައި ވެސް އަދި ރާއްޖޭގައި ވެސް އެކަން ކުރަމުން އަންނަ ގޮތް ކަމަށެވެ.
"މިސާލަކަށް ބައްލަވާ ހުޅުމާލެ އާއި ވިލިމާލެ އަށް ވެސް ޚާއްސަ ފެރީ ޓާމިނަލެއް އެ އޮތީ ޓްރެފިކް ބޮޑުކަމުން. ގުޅި ގުރައިދޫ މާފުށި ހިމެނޭ މި ދާއިރާއިން ވެސް މާލެ އާއި އެއާޕޯޓަށް ކޮންމެ ގަޑިއަކު އެތައް އުޅަނދުފަހަރެއް ދަތުރު އެބަކުރޭ. އޭގައި އެތައް ސަތޭކަ މީހުންނެއް ދަތުރު އެބަކުރޭ. އޭގެ ތެރޭގައި ވެސް ގިނައީ ޓޫރިސްޓުން. އެހެންވީމަ މިދާއިރާ އަށް ޚާއްސަ އިންތިޒާމެއް ހަމަޖެހެން ޖެހޭ ކަމަށް އަޅުގަނޑު ދެކެނީ." އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ މިހާރު މާލެ އަށް ދާ ލޯންޗު ފަހަރު ވެސް ފަސް ހަލޯންޗު ބިއްދޮށުގައި އޮވެގެން މީހުން އަރުވައި ބާލަން އެބަ ޖެހޭ ކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމުގެ އަގު ވަރަށް ބޮޑަށް ވެއްޓޭ ކަމެއް ކަމަށެވެ.
"މިސާލަކަށް ބައްލަވާ! މާލެ އަށް ދުވާލަކު ބާލާ އެތައް ސަތޭކަ މީހުންގެ ތެރެއިން ބޮޑު މެޖޯރިޓީއެއް މި ދަނީ ގުޅި ގުރައިދޫ މާފުށި ދާއިރާއިން. މާލޭގައި ކޮމާޝަލްކޮށް ލޯންޗުފަހަރު ކައިރިކުރާ ސަރަހައްދު ބަލައިލީމަ އެ މަންޒަރު ވަރަށް ރީއްޗަށް ފެންނާނެ. ލޯން ފަހަރުގެ ސައިޒާއި މީހުންގެ އަދަދު. އަދި މި ދާއިރާގެ ލޯންޗެއް އެ ސަރަހައްދުގެ ޖެޓީގައި ނޯންނަ އިރެއް ނުދާނެ." އާދިލް ވިދާޅުވި އެވެ.