އިންފޮމޭޝަން ކޮމިޝަނަރު

އިންފޮމޭޝަން ކޮމިޝަނަރު "ދައުލަތުގެ އިދާރާ" މާނަކޮށްފައިވާ ގޮތް ގާނޫނު އަސާސީއާއި ގާނޫނާއި ހިލާފު: އެމްޓީސީސީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރު އެކުލަވާލައްވާފައިވާ ގަވައިދުގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ގާނޫނާ ވެސް ހިލާފު ބައެއް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިހެން ބުނީ އާހިދު ރަޝީދު ނަމަކަށް ކިޔާ އާއްމު މީހަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް)އަށް ހުށަހެޅި މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑު އެހުމުގައި އެ ކުންފުނީގެ ފަރާތުން ހުށަހެޅި ބަޔާނުގަ އެވެ. މި މައްސަލައިގައި އާހިދު ރަޝީދު ހުށަހަޅާފައި ވަނީ އެމްޓީސީސީގެ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތުތަކެއް ހޯދުމަށެވެ.

އެމްޓީސީސީންގެ ބަޔާނުގައި ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 65 ވަނަ މާއްދާގެ (ހ) އަށް ބެލުމުން، އިންފޮމޭޝަން ކޮމިޝަނަރު ހަދާ ކޮންމެ ގަވާއިދަކީ އެ ގާނޫނުގެ ނިޔަތާއި އެއް ގޮތް ގަވާއިދުތަކަށް ވާން ޖެހޭނެކަން ސާފުކޮށް އެނގޭކަމަށާއި، ގާނޫނުގައި "ދައުލަތުގެ އިދާރާ" މި ލަފްޒު ވަކި ގޮތަކަށް މާނަކޮށްފައި ވަނިކޮށް އެ މާނަ އެހެން ގޮތަކަށް ބަދަލުކޮށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި އޮތް އެއްޗެއް ބަދަލުކޮށް ފުޅާ ކުރުމުގެ ބާރު އެ ގާނޫނުގައި ގަވާއިދު ހެދުމަށް ދީފައިވާ ބާރުގެ ދަށުން އިންފޮމޭޝަން ކަމިޝަނަރަށް ލިބިފައި ނުވާ ކަމަށެވެ. އަދި ގާނޫނު އަސާސީގައި ސާފުކޮށް ގާނޫނެއްގެ ދަށުން ބާރުލިބިގެން ހަދާކޮންމެ ގަވާއިދަކީ ގާނޫނު އަސާސީގައި ބަޔާންކުރާ ފަދައިން އެ ގާނޫނުގެ "އިމުގެ ތެރެއިން" ހަދާ ގަވާއިދަކަށް ވާން ޖެހޭނެ ކަމަށް ބުނެފައިވާ އިރު، ގާނޫނުގައި ސަރީހަކޮށް އޮތް އެއްޗެއް ފުޅާ ކޮށް، ބަދަލު ކުރުމަކީ ސީދާ އެ ގާނޫނުގެ އިމުން ބޭރުވުން ކަމަށް ވެސް އެމްޓީސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"އެހެންކަމުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި އޮތް "ދައުލަތުގެ އިދާރާ" މި ލަފުޒާއި ގަވާއިދުގައި އޮތް މާނަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު 65 ވަނަ މާއްދާގެ (ހ) އާ ހިލާފު އަދި ގާނޫނު އަސާސީއާވެސް ހިލާފު ބައެއް. އަދި މި މާނައަކީ އެމްޓީސީސީގެ މައްޗަށް އަދި އެއްވެސް ކުންފުންޏެއްގެ މައްޗައް ތަންފީޒު ކުރެވޭނެ މާއްދާއެއް ނޫން." އެމްޓީސީސީން މިއަދު ހުށަހެޅި ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޓީސީސީ ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ އިހުތިސާސްގެ ދަށަށް އަންނަ ދައުލަތުގެ އިދާރާތަކުން އަމަލުކުރުމަށް އެ ގާނޫނުގައި ބުނާ އިޖުރާއަތަށް ރިއާޔަތް ކުރާއިރުވެސް، އެ ގާނޫނުގެ 56 ވަނަ މާއްދާގެ (ހ) ދަށުން، މުރާޖައާ ކުރުމަށްފަހު ނިންމާ ނިންމުމަކާ މެދު ހިތްހަމަ ނުޖެހޭ ފަރާތެއް ވާނަމަ، އެ ނިންމުން ނިންމި ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި، ނުވަތަ އެ ނިންމުން ނިންމަން ޖެހޭ ތާރީހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި، އިންފޮމޭޝަން ކޮމިޝަނަރަށް އިލްތިމާސްކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެ ގާނޫނުގެ 59 ވަނަ މާއްދާގެ (ށ) ގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭ އިލްތިމާސެއް ނުވަތަ ޝަކުވާއެއް، އެ ގާނޫނުގައިވާ ގޮތުގެ މަތިން، 30 ދުވަހުގެ ތެރޭގައި ބަލައި ނިންމަން ވާނެ ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އެ ޝަކުވާއެއް ނުވަތަ އިލްތިމާސެއް ބަލައި ނުނިންމޭނެ ނަމަ، އެ ޝަކުވާއެއް ނުވަތަ އިލްތިމާސެއް ހުށަހެޅި ފަރާތަށް ސަބަބު ބަޔާންކޮށް އެކަން އެންގުމަށްފަހު، އިތުރު 15 ދުވަހަށް އެ މުއްދަތު އިތުރުކުރުމުގެ ބާރު، އިންފޮމޭޝަން ކޮމިޝަނަރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

މި ގޮތަށް ބަލާ އިރު ވެސް، މައްސަލަ ނިންމުމަށް ކޮމިޝަނަރަށް ލިބޭ ތާރީހުތައް ފަސްދީ ގޮސްފައިވާކަން އެމްޓީސީސީން ފާހަގަކުރި އެވެ.

ނަމަވެސް، 06 އޮގަސްޓް 2019 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އާހިދު ރަޝީދު މައްސަލައެއް ހުށަހަޅާފައިވާކަން އެނގެން އޮތުމުން، 06 ސެޕްޓެމްބަރ 2019 އަށް 30 ދުވަސް ހަމަވާކަމާއި، 15 ދުވަސް އިތުރުކުރުމުން 21 ސެޕްޓެމްބަރ 2019 އަށް 45 ދުވަސް ވާ ކަމަށް އެމްޓީސީސީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި ހަމަ އެއާއެކު އެ މައްސަލަ ނުބެލިފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރެއް އެ ދުވަސްވަރު ނެތިގެން ކަމަށް ބުނާ ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރު ނެތި ސިޓީ ފޮނުވޭ ނަމަ މައްސަލަ ވެސް ނުނިންމޭނެ ސަބަބެއް ސާފު ނުވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން މިއަދުގެ އަޑު އެހުމުގައި ބުނެފައިވާ ގޮތުގައި، މައުލޫމާތު ހޯދަން އެންގޭނީ އިންފޮމޭޝަން ކޮމިޝަނަރަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، އެންމެ ފުރަތަމަ އެ މައުލޫމާތު ހޯދަން އެމްޓީސީސީއަށް ސިޓީ ފޮނުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މީހަކު ނެތް ދުވަސްވަރެއްގަ އެވެ.

އެމްޓީސީސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، 31 އޮކްޓޯބަރު 2019ގައި އާ އިންފޮމޭޝަން ކޮމިޝަނަރު އައްޔަންވެފައި ވާއިރު، އެ މައްސަލަ ހުށަހެޅީ އެ ދުވަހު ކަމަށް ބެލިނަމަވެސް، 30 ނޮވެމްބަރު 2019 އަށް 30 ދުވަސް ވާނެ ކަމާއި އަދި 15 ޑިސެމްބަރު 2019އަށް ގާނޫނުގައި ބުނާ 45 ދުވަސް ވެސް ހަމަވާނެ ކަމަށެވެ. އަދި އެ 45 ދުވަހަށް ފަހު އިތުރު މުއްދަތަކަށް އެ މައްސަލައެއް ވުޖޫދު ނުވާނެ ކަމަށް ވެސް އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ތަންފީޒު ކުރަން ޖެހެނީ، އިންފޮމޭޝަން ކޮމިޝަނަރުކަން އެ ގާނޫނުގެ 69 ވަނަ މާއްދާއަށް ރިއާޔަތް ކުރުމުން އެނގެން އޮތް ނަމަވެސް، އެ މަގާމުގައި މީހަކު ނުހުންނަ ވަގުތުގައި އަންނަ ގާނޫނީ ހުސްކަމަށް އެ ގާނޫނުގައި ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށް އެމްޓީސީސީން ބުނެއެވެ. އެހެންކަމުން އެ މައްސަލައަކީ ނުވަތަ މިހާރު ބެއްލެވުމަށް އެމްޓީސީސީއަށް ޗިޓް ފޮނުވާފައިވާ މައްސަލައަކީ ބާތިލު މައްސަލައެއް ކަމާއި ބާތިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ވެސް ބާތިލު ކަމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/189 ގަޒިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެމްޓީސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ހަމަ އެއާއެކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން 06 އޮގަސްޓް 2019ގައި އެމްޓީސީސީއަށް ފޮނުވި ސިޓީގައި އެމްޓީސީސީއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަށް ޓަކައި "ދައުލަތުގެ އިދާރާ"އެއް ކަމަށް ބުނެ ވަކި ކޮޅެއް ނަގާފައި ވުމުންނާއ، މައްސަލަ ހުށަހެޅި ފަރާތަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށް އަންގާފައިވާތީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، އެ ގާނޫނުގެ މަގުސަދަށްޓަކައި ވަކި ފަރާތަކަށް ނުޖެހޭ ފަރާތެއް ކަމަށް ބެލެވެން ނެތް ކަމަށާއި އެ އޮފީހުން އުފެއްދި މައްސަލައެއްގެ "ގާޒީ" އަކަށް ވެސް އެ އޮފީސް ހުރުމަކީ "ނެޗުރަލް ޖަސްޓިސް" އާ ހިލާފު ކަމެއް ކަމަށް އެމްޓީސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޓީސީސީން ގެ ބަޔާނުގައި އިތުރަށް ބުނީ، އެކުންފުނީގެ ކިބައިން ހޯދަން އެދިފައިވާ މައުލޫމާތު ހާމަކުރުމަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެމްޓީސީސީން ތަކުރާރުކޮށް ދަންނަވާފައި ވާނެ ކަމަށެވެ.

ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ)ގައި "ދައުލަތުގެ އިދާރާ" މާނަކޮށްފައިވަނީ، "ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކާއި ސަލާމަތީ ހިދުމަތްތަކާއި ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރެވޭ ކައުންސިލްތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެ ތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއް މެ ހިމެނޭ ގޮތުންނެވެ."

އެމްޓީސީސީން ބުނީ، އެކުންފުންޏަކީ ދައުލަތުން އެހީ ނުވަތަ ބަޖެޓް ލިބިގެން ހިންގާ ތަނެއް ނޫން ކަމަށާއި، އެކުންފުންޏަކީ ގާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނު)ގެ ދަށުން ސަރުކާރުން، ކުންފުނީގެ ހިއްސާއަށް އިންވެސްޓް ކޮށްގެން/ގަނެގެން އެ ގާނޫނުގެ ދަށުން އުފައްދައި، ދިވެހިރާއްޖޭގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައި އޮތް "ޕަބްލިކް ލިމިޓެޑް ކުންފުންޏެއް ކަމަށެވެ. އެހެންކަމުން ގާނޫނުގައި އޮތް "ދައުލަތުގެ އިދާރާ" މި މާނާއިގެ ތެރޭގައި އެމްޓީސީސީ ހިމެނިގެން ނުދާކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގޭކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން އިތުރަށް ބުނީ، އެކުންފުންޏަކީ ވިޔަފާރި ކުންފުންޏެއް ކަމަށާއި ވާދަވެރި ވެއްޓެއްގައި ހިންގަމުންދާއިރު ހެޔޮ ގޮތުގައި ކުންފުނި ހިންގުމުގެ "ފައިޑިއުޝިއަރީ ޑިއުޓީ"އެއް ކުންފުނީގެ ބޯޑަށް އޮތްކަމާއި އެއީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނާއި ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާ ބެހޭ ގާނޫނާއި ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ރެގިއުލޭޓް ކޮށްގެން ހިންގޭ ކުންފުނި ތަކެއް ކަމާއި ކުންފުނި ތަކުން ޖަވާބުދާރީ ވާން ޖެހޭނީ ގާނޫނުން ކަނޑައަޅާ ގޮތަށް އެ ފަރާތްތަކަށާއި އަދި ކުންފުނީގެ ހިއްސާދާރުންނަށް ކަމަށެވެ. މިގޮތުން ގާނޫނީ ގޮތުން ހާމަކުރަން ލާޒިމް ކުރާ އެންމެހައި މައުލޫމާތުތައް އެމްޓީސީސީން އަންނަނީ ހިއްސާކުރަމުން ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޓީސީސީން އިތުރަށް ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ "ދައުލަތުގެ އިދާރާ" ތަކުންވެސް ކޮންމެ ކޮންމެ މައުލޫމާތެއް ހާމަނުކުރެވޭ ކަމާއި އެގޮތުން އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ)ގެ 1 ވަނަ އަކުރުގެ ދަށުން "އެ އިދާރާއަކަށް އުނދަގޫ ވެދާނެ" މައުލޫމާތަކީ "އާންމު މަސްލަހަތަށް އުނިކަމެއް އަތުވެދާނެ" ކަމެއް ކަމަށް ބަލައި، އެ މައުލޫމާތު ދޫނުކުރެވިދާނެކަމާއި އަދި އެ ގާނޫނުގެ 22 ވަނަ މާއްދާ (ރ)ގެ 1 ވަނަ އަކުރަށް ރިއާޔަތްކުރާއިރު، އިގުތިސޯދަށް ގެއްލުންވާނެ މައުލޫމާތާއި އެ ގާނޫނުގެ 25 ވަނަ މާއްދާގެ (ހ)އަށް ރިއާޔަތްކުރާއިރު އެ މައުލޫމާތެއް ހާމަކޮށްފިނަމަ، ފޫނުބެއްދޭ ފަދަ މައުލޫމާއި، އެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުން "ވިޔަފާރީގެ މަސްލަހަތު" ނުވަތަ "މާލީ މަސްލަހަތު"އަށް ގެއްލުންވާނެ މައުލޫމާތު އިސްތިސްނާވާކަން ފާހަގަވާ ކަމަށް ވެސް އެމްޓީސީސީގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެމްޓީސީސީއަކީ ވިޔަފާރި ކުންފުންޏެއް ކަމަށް ވެފައި މުވައްޒަފުންގެ މުސާރައާއި އިނާޔަތަކީ އާންމުކޮށް ހާމަކުރާ މައުލޫމާތެއް ކަމަށް ވެއްޖެނަމަ، އެމްޓީސީސީގެ ވިޔަފާރީގެ ވާދަވެރިންނަށް އޭގެ ނާޖާއިޒު ފާއިދާ ކުރާނެ ކަމާއި، ކުންފުނީގެ އެތެރޭގައި އަދި ވިޔަފާރީގެ މައިދާނުގައި ކުންފުނީގެ މަސްލަހަތު ގެއްލިގެން ދާނެކަމާއި ވާދަވެރިކޮށް ފައިދާވާ ކުންފުންޏެއްގެ ގޮތުގައި އޮޕަރޭޓް ކުރުމަށް ހުރަސް އެޅޭނެ ކަމާއި އެމްޓީސީސީގައި ތިބި ފަންނީ ނުވަތަ އެހެން މުވައްޒަފުން އެތަންތަނަށް ގެންގޮސް ނުވަތަ ކަނޑައެޅިގެން އެމްޓީސީސީއަށް ގެއްލުން ދިނުމަށްޓަކައި އެ މުވައްޒަފުން ގެންދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީގެ ވަކީލުންގެ މި ބަޔާނަށް އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ ވަނީ ރައްދު ދެއްވައިފަ އެވެ. އެ ގޮތުން ފިޔާޒު ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމްޓީސީސީއަކީ ވެސް ދައުލަތުގެ އިދާރާއެއް ކަމަށާއި އެމްޓީސީސީން ދައުލަތުގެ މަސްއޫލިއްޔަތުވެސް އަދާކުރާ ކަމަަށް ދެކިވަޑައިގަންނަވާ ކަމަށް ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް ވިދާޅުވީ ބޭނުންވަނީ، ރައްޔިތުންނަށް ޖަވާބުދާރީވާ، ހާމަކަން ބޮޑު ނަޒާހަތްތެރި ނިޒާމަކަށް ދައުލަތް ހިންގުމުގެ ނިޒާމު ވުމަށް ކަމަށެވެ. އެމްޓީސީސީގެ ބަޔާނުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އަގު ވެއްޓޭ ގޮތަށް ކަންކަން ބަޔާންކޮށްފައި ވާތީ، އެކަން ކުށްވެރިކުރައްވާ ކަމަށް ވެސް ފިޔާޒް ވިދާޅުވި އެވެ.

ފިޔާޒް އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ހިންގަނީ ކުންފުނިތަކުގެ މައްޗަށް ވެސް އެ ގާނޫނު ހިނގާ ގޮތަށް ކަމަށެވެ.

އެމްޓީސީސީގެ ބަޔާން ނިންމައިލަމުން ބުނެފައި ވަނީ "މި ދެންނެވި ކަންކަމުގެ މައްޗައް ބިނާކޮށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމަވާފައިވާ ކަންކަމަކީ ބާތިލުކަންކަން ކަމަށް ކަނޑައަޅުއްވައި ދެއްވައި، ދައުލަތުގެ އިދާރާ މާނަ ކުރުމުގައި، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ މައްޗަށް އަމިއްލައަށް ހަދާ ގަވާއިދެއް އިސްނުވާނެކަމަށް ކަނޑައަޅުއްވައި ދެއްވައި "ދައުލަތުގެ އިދާރާ" ގެ ތެރޭގައި އެމްޓީސީސީ ފަދަ ކުންފުނިތައް ނުހިމެނޭނެ ކަމަށްވެސް ކަނޑައަޅުއްވައި ދެއްވުމަށް އެދޭ ކަމަށެވެ.

އެހެން ނަމަވެސް މިއަދުގެ އަޑު އެހުމުގައި މި މައްސަލައަށް ވަކި ގޮތެއް އިންފޮމޭޝަން ކޮމިޝަނަރު ނިންމަވާފައެއް ނުވެއެވެ.