ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް ސްކޫލެއްގެ ތިން ޓީޗަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވަނީ "ވަން" އަށް އެކަން ކަށަވަރު ކޮށްދެއްވައިފަ އެވެ.
ކިޔަވައިދޭ ކުދިންތަކަކާ ބެހުނު ކަމުގެ ތުހުމަތަށް ފުލުހުން ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާ ގުޅިގެން، ފުރަތަމަ ޓީޗަރު އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑްކުރީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. މި މައްސަލައިގެ ތެރެއިން އިތުރު ދެ ޓީޗަރެއްގެ މައްސަލަ ފެންމަތިވުމުން، އެޑިއުކޭޝަން މިނސްޓްރީން ވަނީ އެ ދެ މީހުން ވެސް އިއްޔެ ސަސްޕެންޑް ކޮށްފައި ކަމަށް އޮންލައިން ނޫސް "މިހާރު" ގައި ރިޕޯޓުކޮށްފައި ވެއެވެ.
އެނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފުލުހުންނަށް ހުށަހަޅައި މައްސަލަ ތަހުގީގު ކުރަމުން އައި ނަމަވެސް ތުހުމަތު ކުރެވޭ ތިން ފިރިހެނުން އަދި ހައްޔަރެއް ނުކުރެއެވެ. އެ ތިން މީހުންނަށް ކުރަނީ ތަފާތު އެކި ފަހަރު މަތިން ކުދިން ތަކަކަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތެވެ. އެކަމާ ގުޅޭގޮތުން ތަކުރާރުކޮށް ގުޅުމުންވެސް ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ކުޑަކުދީންނަށް އެކި ކަހަލަ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުން ރިޕޯޓުކުރާ މިންވަރު އިތުރުވެފައި ވާއިރު، އެފަދަ ހަބަރުތައް ރިޕޯޓު ކުރާ މީޑިއާތަކުން އެކުދީންގެ ހައްގުތައް ކަށަވަރުކުރުމަށް ފުލުހުންނާއި ހިއުމަން ރައިޓްސް އަދި ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.
އެހެން ނަމަވެސް ސޯޝިއަލް މީޑިއާއާއި އެނޫން ވެސް ބައެއް މީޑިއަމްތަކުން ކުދީންގެ މައުލޫމާތާއި އެކުދީން އެނގޭނެ ފަދަ އެހެން މައުލޫމާތުތައް ތަކުރާރުކޮށް ހާމަކުރަމުންދާކަން ފާހަގަ ކުރެވެއެވެ.