ފޮތްތަކާއި ލިޔުންތަކުން ދޭހަކޮށްދޭ މާނައާމެދު ވިސްނަން ކުދީންނަށް ދަސްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ގޮވާލައްވައިފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު ބޭއްވި އޭޝިއާ ފައުންޑޭޝަންގެ "ލެޓްސް ރީޑް" ޕްރޮގްރާމްގެ ދަށުން ހިންގާ ތަރުޖަމާކުރުމާބެހޭ މަސައްކަތު ބައްދަލުވުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒުނާ ވިދާޅުވީ، މުސައްނިފުންނާއި ލިޔުންތެރީންގެ ފޮތްތަކާއި ލިޔުންތަކުން އެމީހުން ދޭހަކޮށްދޭން މަސައްކަތްކުރާ މާނަ އެންމެ ފުރިހަމައަށް ދޭހާވާނީ އެ ފޮތެއްގައި ނުވަތަ ލިޔުމެއްގައި ލިޔެފައިވާ އެއްޗަކާމެދު ފުންކޮށް ވިސްނާ ފިކުރުކޮށްގެން ކަމަށެވެ.
އެކަމަކާމެދު ދެބަސްވުމުގެ ކުރިން އެކި މީހުންގެ ހިޔާލާއި ވިސްނުން ތަފާތުވާނެކަން ގަބޫލުކޮށް އެފަދަ ހިޔާލުތަކަށް ފުރުސަތުދީ އެކަމަށް މަރުހަބާ ކިޔަންވާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން ހުރިހާ ކުދީންނަށް މިފަދަ ސިފަތައް ދަސްކޮށްދީ އަށަގެންނެވުމަށާއި އަދި ކިޔުންތެރިކަމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް މުދައްރިސުންނާއި ބެލެނިވެރީން މަސައްކަތް ކުރަންޖެހޭ ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.
އެކަމަނާ އިތުރަށް ވަނީ އިނގިރޭސި ބަހާއި އެހެނިހެން ބަސްތަކުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއްގެ ޒަރީޔާއިން އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. އަދި އެއީ ރާއްޖޭގެ ކަންކޮޅުގައި ދިރިއުޅޭ މީހުންނާއި ކުދީންގެ އިތުރުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ލިިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
މިއަދު ފެށި ތަރުޖަމާކުރުމާބެހޭ މަސައްކަތު ބައްދަލުވުމަކީ އިނގިރޭސި ބަހުން ލިޔެފައިވާ ފޮތްތައް ދިވެހި ބަހަށް ތަރުޖަމާކޮށް، ޑިޖިޓަލް ލައިބްރަރީއެއް މެދުވެރިކޮށް އާންމުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި އޭޝިއާ ފައުންޑޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ދިވެހި ބަހުގެ އެކެޑަމީ އަދި ގައުމީ ކުތުބުހާނާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.