ޚަބަރު

ލުތުފީގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި

މަރިޔަމް ޝަހުދާ

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި ވަނިކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލި މައްސަލަ ޝަރީއަތަށް ފޮނުވައިފި ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވީ ލުތުފީގެ މައްސަލަ މިހާރު އޮތީ ޝަރީއަތުގެ މަރުހަލާގައި ކަމަށެވެ. ނަމަވެސް މިއީ ވަކި ފަރުދެއްގެ މައްސަލައެއް ކަމުން މި މައްސަލައިގެ ތަފްސީލު ވަކިން ހިއްސާ ކުރައްވާނެ ކަމަށް ޝަމީމު ވިދާޅުވިއެވެ.

ލުތުފީގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ފުލުހުން އެމައްސަލަ ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ލުތުފީއަކީ އޭނާ އިސްވެ ހުރެ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ ޕްލޮޓްގެ ހަނގުރާމަވެރިންނާއެކު ނޮވެމްބަރު 3، 1988ގައި މާލެ އަރައި މާލެއަށް އުދުވާނީ ހަމަލާ ދިން މީހެކެވެ. މި ހަމަލާގައި 19 ދިވެއްސަކު ޝަހީދުކޮށްލާފައި ވެއެވެ.

މި އުދުވާނީ ހަމަލާއާ ގުޅިގެން ލުތުފީގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދަބު ލުއިކޮށްދެއްވައި އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރިއެވެ. އަދި އެ ހުކުމް ތަންފީޒު ކުރަމުންދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 16 ޖެނުއަރީ 2010ގައި ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އުޅުނީ ފިލައިގެންނެވެ.

ލުތުފީ ފުލުހުންގެ ބެލުމުގެ ދަށުން އަލުން ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގައެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ ލަންކާގައި ފިލައިގެން އުޅުމަށްފަހު މިދިޔަ އަހަރު މެއި އެއްވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއާ އަމިއްލައަށް ހަވާލުވުމުންނެވެ.

ރާއްޖެ ގެނައުމަށްފަހު ލުތުފީ ވަނީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފައެވެ. އަދި އޭނާ ފިލި މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ވަކި މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ.