އަށް މިލިއަން ރުފިޔާގެ އަގުހުރި އުޅަނދުތަކެއް އިންޑިއާއިން މާލޭ ސިޓީކައުންސިލަށް ހަދިޔާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ މާލޭ ސިޓީ ކައުންސިލަށް ހަދިޔާކުރި އުޅަނދުތައް ގަނެފައިވަނީ އިންޑިއާއިން ފޯރުކޮށްދީފައިވާ ގުރާންޓް ސުކީމްގެ ދަށުން ކަމަށެވެ. އަދި އެ އުޅަނދުތައް މާލޭ ސިޓީކައުންސިލަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކައުންސިލަށް އުޅަނދުތައް ހަދިޔާ ކޮށްދެއްވީ އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރްއެވެ.
މާލޭ ސިޓީކައުންސިލަށް އިންޑިއާގެ ގުރާންޓު ސްކީމްގެ ދަށުން މަގު ހެދުމަށް ބޭނުންކުރާ އަގުހުރި އުޅަނދުތަކެއް ހަދިޔާކޮށްފައިވާއިރު އެ ސްކީމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުގައި ދަނީ ތަފާތު ޕްރޮޖެކްޓުތައް ހިންގަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެގޮތުން އިންޑިއާގެ ގުރާންޓް ސްކީމްގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓުތާއި ރަށްތައް:
1 . ޅޮހި އަދި ކިނޮޅަހުގެ ކްލާސްރޫމްތައް ބިނާކުރުން
2 . މަޑުއްވަރި އަދި ގާފަރުގައި އައިސް ޕްލާންޓް ބިނާކުރުން
3. ދަރަވަންދޫގައި އިމަޖެންސީ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތައް ގާއިމްކުރުން
4. ރަސްދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫއު
5. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ އުޅަނދުތައް ފޯރުކޮށްދިނުން
6. ފިޔަވަތި ސެންޓަރު ތަރައްގީކުރުން
7 . ކުޅުދުއްފުށި އަދި ފުވައްމުލަކުގައި ތިބޭ ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ވަސީލަތްތައް ފޯރުކޮށްދޭ ކްލާސްރޫމްތައް ތަރައްގީ ކުރުން
8 . ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިން ސެންޓަރު ތަރައްގީ ކުރުން
9 . ފޯކައިދޫގައި ކޮމިއުނިޓީ ސެންޓަރެއް ގާއިމް ކުރުން
10. ފެހެންދޫ އަދި ގޮއިދޫ އާއި ދެމެދު ސްޓޫޑެންޓް ފެރީގެ ހިދުމަތް ގާއިމް ކުރުން
މީގެ އިތުުރުން އިންޑިއާގެ ގުރާންޓް ސްކީމްގެ ދަށުން 61 ރަށެއްގައި އޯޕަން އެއާ ޖިމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ޓުވީޓުގައި ބުނެފައި ވެއެވެ.