ދިވެހީންނަށް ސައުދީ އަރަބިއްޔާއިން ވެސް އޮން އަރައިވަލް ވިސާ ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.
މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.
ފޮރިން މިނިސްޓަރު ވިދާޅުވީ، ސައޫދީ އަށް އޮން އެރައިވަލް ވިސާ ހަމަޖެހުމާ އެކު، އެ ގައުމަށް ދިވެހިން ދިއުމުގެ ކުރިން އޮންލައިކޮށް ވިސާ އަށް އެޕްލައި ކުރެވޭނެ ކަމަށެވެ. އަދި ސައޫދީ އަށް ގޮސް އެތަނުގެ އެއާޕޯޓުގައި ވިސާ އަށް އެޕްލައި ކުރުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ސިންގަލް އެންޓްރީ ނަމަ އެއް މަސް ދުވަހަށް އަދި މަލްޓިޕްލް އެންޓްރީ އަށް އެއް އަހަރު ދުވަހުގެ ވިސާ ނަގައިފި ނަމަ އެ އަހަރުގެ ތެރޭގައި ސައޫދީގައި ޖުމްލަ 90 ދުވަހު ތިބުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، އުމްރާގެ އަޅުކަމަށާއި ޓޫރިސްޓުންގެ ގޮތުގައި ސައޫދީ އަށް ދާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ހަމަޖެހުމާ ގުޅިގެން، އެކަމަށް އަމަލީ ސިފައެއް ގެނައުމުގެ އިދާރީ ކަންކަން ސައުދީ ސަރުކާރުން ކުރަމުން އަންނަ ކަން އަންގާފައިވާ ކަަމަށެވެ. އޮންއެރައިވަލް ވިސާ ނަގަން ފެށޭނެ ތާރީހު ވެސް ލަސްނުކޮށް ނިންމާނެ ކަމަށް ސައޫދީ ސަރުކާރުން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ވިސާ ހަމައެކަނި ބޭނުން ކުރެވޭނީ އުމްރާއަށް ދާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިންގެ ގޮތުގައި އެގައުމަށް ދަތުރުކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ސައުދީ ސަރުކާރުން 2030ގެ ނަމުގައި ފަށާފައިވާ ތަރައްގީގެ މަޝްރޫއަކީ އިގްތިސާދުގެ އާ ދާއިރާތައް ފުޅާކޮށް މުޅި ދުނިޔެއަށް ހުޅުވާލެވިފައިވާ ޒަމާނީ ގައުމެއްގެ ގޮތުގައި އިތުރަށް އެގައުމު ކުރިއަށް ގެންދިއުމަށް ހިންގާ، ފާހަގަ ކޮށްލެވޭ ބޮޑު މަޝްރޫއެއް ކަމަށާއި އެ މަޝްރޫގެ ތެރެއިން ދިވެހިންނަށް ވެސް ފުރުސަތުތަކެއް މަގުފަހިވެގެން ދާނެ ކަމަށެވެ. އެކަމަށްޓަކައި ދިވެހި ސަރުކާރުން ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތަކީ، ހާރިޖީ ސިޔާސަތު ހަރުދަނާކޮށް ބޭރު ދުނިޔެއާ އެކު އޮންނަ ގުޅުން ރަނގަޅު ކުރުން ކަމަށާއި ފެންނަމުން މިދަނީ އެކަމުގެ ކާމިޔާބު ކަމަށެވެ. ގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހަތުރުވެރީން ނެތި، ގުޅުން އާލާކުރުން ކަމަށާއި ބައިނަލް އަގުވާމީ ދުނިޔޭގައި އިސް އުފުލައިގެން ރާއްޖެ އޮތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.