ޚަބަރު

ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން، މިސަރުކާރުވެސް މިދަނީ އެމިސްރާބަށް: ޑރ. ޖަމީލް

އައިދާ އަބްދުލް ހަކީމް

ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން ކަމަށާއި މި ސަރުކާރުވެސް މިދަނީ އެ މިސްރާބަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏަށް ދިނީ ސެލެކްޓިވް ބިޑަކުން ކަމަށް މިހާރު ނޫހުގައި ލިޔެފައިވާ ހަބަރެއް ރީ ޓުވީޓް ކުރައްވައި ޖަމީލު ވިދާޅުވީ މީ އެޖެންޑާ19 ގެ އަސްލު ކުލަ ކަމަށެވެ. އަދި ކޮންމެ ގޯސްކަމެއް އެމްޑީޕީ އާ ޖެހުމުން ވަނީ އެންމެ މޮޅު ކަމަށް ވިދާޅުވެ، ޒީރޯ ޓޮލެރަންސަކީ ކޮބައިތޯ ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެއީ އަތް ބާނައިގެން ވަޒީރުން ހިންގާ އަމަލުތައްތޯ ވެސް ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.

"މިއީ އެޖެންޑާ19 ގެ އަސްލު ކުލަ. ކޮންމެ ގޯސްކަމެއް މިބޭފުޅުންނާ ޖެހުނީމާ މިވަނީ އެންމެ މޮޅު ގޮތަށް. ޒީރޯ ޓޮލެރަންސަކީ ކޮބާ؟ އަތް ބާނައިގެން ވަޒީރުން ހިންގާ އަމަލުތައްބާ؟ ކުރިންވެސް ނުބައި ފެށުނީ ބާރުގަދަ ވަޒީރުން އުފަންވެގެން. މި ސަރުކާރުވެސް އެ މިސްރާބަށް." ޖަމީލް ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއު ބިޑަކަށް ނުލައި އެސްޖޭ ކުންފުންޏާ ހަވާލުކުރީ 74.9 މިލިއަން ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭގައި އާ އިމާރާތް ނިންމާގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ މަސައްކަތް، އާންމު ބިޑަކަށް ނުލައި، ސެލެކްޓިވް ބިޑިންއަކަށް ހުޅުވާލަން ރައީސް އޮފީހުގެ ހުއްދައާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސިޓީއެއް ހުށަހެޅި ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ ރެސްޓްރިކްޓް ބިޑިން ނުވަތަ ސެލެކްޓިވް ބިޑިންއަކަށް ދިޔައީ، މާލިއްޔަތު ގަވާއިދުގެ ދަށުން އާއްމުކޮށް އިއުލާނުކޮށްގެން ކުރިއަށް ގެންދާނެ އެކަށީގެންވާ ވަގުތު ނެތުމުން ކަމަށެވެ. އެހެންވެ އެ ބީލަމަށް ޝަރުތު ހަމަވާ، ގްރޭޑު އެކެއްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ނޭޝަނަލް ޓެންޑާއިން ކުރިއަށް ގެންގޮސްފައިވާ ބީލަންތަކުގައި ބައިވެރިވެފައިވާ ނުވަ ކުންފުންޏަކަށް ދައުވަތު ދިނީ ކަމަށެއެވެ.

މާލިއްޔަތު ގަވާއިދުގެ 10.26 ގައި ބުނެފައިވާ ގޮތުން، ކުއްލި ހާލަތެއް ނުވަތަ ކުއްލި ހާލަތެއްގައި ޕްރޮކިއުމަންޓުގެ ކަންތައްތައް ކުރިއަށް ގެންދާނީ، ގާނޫނުގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި އިންސާނެއްގެ ފުރާނަޔަށް ގެއްލުމެއް ލިބިދާނެ ނުވަތަ ދިމާވާ ހާދިސާއަކާ ގުޅިގެން، ބައެއްގެ ދިރިއުޅުމުގެ ފެންވަރަށް ނުވަތަ ތިމާވެއްޓާ ނުރައްކާތެރި ކަމެއް ކުރިމަތިވުމުންނެވެ. އޭގެ އިތުރުން ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތަކަށް ހުއްޓުން އަރާ ފަދަ ހާލަތެއް މެދުވެރިވުމާއި ހޯދަން ބޭނުންވެފައިވާ ކުދިކުދި ތަކެތި ނުލިބުމުގެ ސަބަބުން ޕްރޮޖެކްޓެއްގެ މަސައްކަތް އެކަށީގެންވާ ވަރަށް ވުރެ ލަސްވުމުން ކަމަށް ވެސް އެ މާއްދާގައި ބުނެފައި ވެއެވެ.