ޚަބަރު

އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި

އައިދާ އަބްދުލް ހަކީމް

އުތުރުގެ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.

މިމައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 09:15 ހާއިރު 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ހާދިސާ ހިނގާ އަތޮޅާއި ރަށް ހާމަ ނުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ކުޑަކުދިންގެ ހަބަރާއި މައުލުމާތު ހާމަކުރުމުގެ ގައިޑްލައިނާ އެއްގޮތަށް މީޑިއާތަކުން ހަބަރު ފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކުޑަކުދީންނަށް އެކި ކަހަލަ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުން ރިޕޯޓުކުރާ މިންވަރު އިތުރުވެފައި ވާއިރު، އެފަދަ ހަބަރުތައް ރިޕޯޓު ކުރާ މީޑިއާތަކުން އެކުދީންގެ ހައްގުތައް ކަށަވަރުކުރުމަށް ފުލުހުންނާއި ހިއުމަން ރައިޓްސް އަދި ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކުން ވެސް އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ.

އެހެން ނަމަވެސް ސޯޝިއަލް މީޑިއާއާއި އެނޫން ވެސް ބައެއް މީޑިއަމްތަކުން ކުދީންގެ މައުލޫމާތާއި އެކުދީން އެނގޭނެ ފަދަ އެހެން މައުލޫމާތުތައް ތަކުރާރުކޮށް ހާމަކުރަމުންދާކަން ފާހަގަ ކުރެވެއެވެ.