މޫސުމް

ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރަން ފަށައިފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ނ. ހޮޅުދޫގެ އިތުރުން މ. ދިއްގަރަށް އުދަ އަރާކަމުގެ މައުލޫމާތު އެ އިދާރާއަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ހއ. ތުރާކުނާއި ރ.ކިނޮޅަހާއި މ.ދިއްގަރު އަދި އެ ނޫން ވެސް ވަރަށް ގިނަ ރަށްރަށް އުދަ އަރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.

ވައި ގަދަވެ ކަނޑުގަދަވުމުގެ ސަބަބުން އެކި ރަށްރަށަށް އުދައިގެ އަސަރު ކޮށްފައިވާއިރު، މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެނީ ނ. ހޮޅުދޫއަށެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި ހޮޅުދޫގެ އިތުރުން ދިއްގަރުގައިވެސް ގޭގެއަށް ލޮނު ވަނަ ނުދިނުމަށް ބަސްތާ ޖެހުމުގައި ފުލުހުން ހަރަކާތްތެރި ވެފައި ވެއެވެ.

"ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ހޮޅުދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އަފްރާހު ވިދާޅުވީ އެރަށުގެ 15 ވަރަކަށް ގެޔަށް ލޮނުގަނޑު ވަދެފައިވާ ކަމަށެވެ.

އަފްރާހު ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި ރަށަށް ވަރަށް ބޮޑަށް އުދަ އަރާފައިވާ ކަމަށެވެ. ލިބިފައިވާ ގެއްލުން މުޅީން ސާފުނުވި ނަމަވެސް، 15 ވަރަކަށް ގެޔަށް ލޮނުވަދެ އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް އަފްރާހު ވިދާޅުވިއެވެ.

ކުރިއަށްއޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދަށް ވައިގަދަވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ކަނޑު ދަތުރުކުރުމުގައި ސަމާލު ވުމަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ. އަދި މި ބަޔާނުގައި މެޓް އޮފީހުން ވަނީ ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ވެސް ސަމާލުވެ ތިބުމަށް އެދިފައެވެ.