އިބްރާހިމް ޒަކީ
ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް، ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި ދައްކަން ޖެހުނު 55 މިލިއަން ޑޮލަރު ދެ ޕޭމަންޣޓުން ދައްކައި ހަލާސް ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޫމަޑީގެ މައްސަައާބެހޭގޮތުން، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ފައިސާގެ ފުރަތަމަ ޕޭމަންޓް ކަމަށްވާ 27.5 މިލިޔަން ޑޮލަރު ދައްކަން ޖެހެނީ 8 ސެޕްޓެމްބަރު 2019 ގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެ ޕޭމަންޓް 5 ސެޕްޓެންބަރު 2019 ގައި ދައްކާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ދެވަނަ ޕޭމަންޓްގެ 27.5 މިލިޔަން ޑޮލަރު ދައްކަންޖެހެނީ މިމަހުގެ 29 ގެ ނިޔަލަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެ ޕޭމަންޓް ވެސް މިހާ ދައްކާފައިވާ ކަމަށެވެ.
ހައުސިން ޔުނިޓުތަކެއް ހަދަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއާއެކު ވި އެއްބަސްވުން އުވާލި މައްސަލައާ ގުޅިގެން، ބަދަލުގެ ގޮތުގައި 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) އާއި އާބިޓްރޭޝަނާ ގުޅޭ އެހެން ހުރިހާ ހަރަދެއް ހޯދުމަށް ނޫމަޑިން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅިއެެވެ.
އޭގެ ތެރެއިން އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުން ބާތިލު ކުރި މައްސަލައެވެ. އެ ޕްރޮޖެކްޓުގައި ސޮއިކޮށްފައިވަނީ 20 ޖެނުއަރީ، 2011، ގައެވެ.
ނޫމަޑިން ހުށަހެޅި ދެވަނަ މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކެއް އާއި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީކުރަން ހަވާލުކުރި އެއްބަސްވުމުގެ މައްސަލަ އެވެ. މިއީ 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެކެވެ.
ނަމަވެސް ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެށި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި 55 މިލިއަން ޑޮލަރު ދެއްކުމަށް ނިންމައި މައްސަލަ ހައްލުކުރިއެވެ.