މިންހާ ފާއިޒް ރަޝާދު
ސެމްސަންގް އިން މިއަހަރު އަލަށް ބާޒާރަށް ނެރޭ ޑިވައިސްތައް ދައްކާލައިފިއެވެ.
މި ޑިވައިސްތައް ދައްކާލުން އޮތީ ރޭ ސެން ފްރެންސިސްކޯގައި އޮތް ހަފުލާގައެވެ. އެ ހަފުލާގައި ވަނީ ސެމްސަންގުން މި އަހަރު ނެރޭ ފަތްޖަހާލެވޭ ފޯނާއި، އެސް ސީރީޒަށް މިއަހަރު އިތުރުކުރާ ފޯނާއި ހޭންޑްސެޓް ދައްކާލައިފައެވެ.
އެއްގަޑިއިރަށް ދެމިގެން ދިޔަ މި އިވެންޓުގައި ގިނަ ޕްރޮޑަކްޓްސް ތަކެއް ދައްކާލައިފައި ވީ ނަމަވެސް މުހިންމު ތިނެއްޗެއް އޭގެން ވެސް ފާހަގަކޮށްލެވެ އެވެ. އެއީ؛
އެތައް ލީކަކާއި އޮސްކާ ހަފުލާގައި ދައްކާލި އިސްތިހާރާއެކު ސެމްސަންގެ ފަތް ޖަހާލެވޭ ފޯނު މިއޮތީ ރަސްމީކޮށް ނެރެފައެވެ. ގެލެކްސީ ޒެޑް ފްލިޕްގެ ނަންދީފައިވާ މި ފޯނު މިމަހު 14 އިން ފެށިގެން ގަންނަން ލިބޭނެ ކަމަށް ސެމްސަންގުން ބުނެއެވެ. އަގަކީ 1380 ޑޮލަރެވެ.
މި ފޯނު ލައްޕާލާފައި އޮންނައިރު ބައެއް ކަހަލަ ކުދިކުދި ފަންކްޝަންތައް ބޭނުން ކުރެވެއެވެ. އޭގެ ތެރޭގައި ނޮޓިފިކޭޝަނާއި، ބެޓަރީ ލައިފް އަދި ކުއިކް ސެލްފީވެސް ނެގޭނެއެވެ. ފޯނު ހުޅުވާލުމުން ސްކްރީނުގެ ދިގުމިނަކީ 6.7 އިންޗިއެވެ.
މީގެ ކުރިންވެސް ސެމްސަންގުން ވަނީ ފަތްޖަހާލެވޭ ފޯނެއް ނެރެފައެވެ. ނަަމަވެސް އެފޯނަށް ވަނީ ގިނަ މައްސަލަތަކެއް ކުރިމަތި ވެފައެވެ. އޭގެ ތެރޭގައި ހިރަފުސް ވަނުމުގެ މައްސަލައާއި ފޯނުގެ ސްކްރީނު ފަހަތުން ހަލާކުވުން ހިމެނެއެވެ. މި ފަހަރުގެ ފޯނުގައި އެ މައްސަލަތަކަށް ހައްލު ގެނެސްފައިވާނެ ކަމަށް ސެމްސަންގުން ބުނެއެވެ.
ސެމްސަންގެ އެސް ސީރީޒް އަކީ ގިނަ ބަޔަކު އެއަށް އިންތިޒާރު ކުރާ ފޯނު ތަކެކެވެ. އެގޮތުން 2018ގައި ނެރުނު ގެލެކްސީ އެސް9 އާއި 2019ގައި ނެރުނު ގެލެކްސީ އެސް10 ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ގިނަ ނަންބަރުތަކެއް މެދަށް ވައްޓާލައިފައި މިއަހަރު ސެމްސަންގުން މިނެރެނީ ގެލެކްސީ އެސް20 އެވެ.
މި ސީރީޒްގެ ތިން ފޯނު ބާޒާރަށް ނެރެއެވެ. އެއީ އެސް20، އެސް20 ޕްލަސް އަދި އެސް20 އަލްޓްރާ އެވެ. އަގުތައް އުޅެނީ 999 ޑޮލަރާއި 1199 ޑޮލަރާއި 1399 ޑޮލަރުގައެވެ.
އެސް20ގެ ސައިޒަކީ 6.2 އިންޗިއެވެ. އެސް20 ޕްލަސްގެ ސައިޒަކީ 6.7 އިންޗިއެވެ. އަދި އެސް20 އަލްޓްރާގެ ސައިޒަކީ 6.9 އިންޗިއެވެ. މި ތިން މޮޑެލަށް ވެސް 5ޖީ ސަޕޯޓްކުރާނެ ކަމަށް ސެމްސަންގުން ބުނެއެވެ.
ފަހުގެ ހުރިހާ ފޯނުތަކެއް ފަދައިން ސެމްސަންގެ މި ފޯނުގައިވެސް އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކެމެރާއަށެވެ. ތިރީގައި އެވާ ފޮޓޯއިން އެ ފެންނަނީ ފޯނު ތަކުގެ ކެމެރާގެ މައުލޫމާތުތަކެވެ.
ފޯނުގެ ޕްރީ އޯޑަރު މިމަހު 21ގައި ނަގަން ފަށާއިރު އަންނަމަހު ހައެއްގައި ފޯނު ވިއްކަން ފަށާނެއެވެ.
އެޕަލްގެ އެއާޕޮޑާ ވާދަ ކުރުމަށް ސެމްސަންގުން މިވަނީ ގެލެކްސީ ބަޑްސް އެކްސް ތައާރަފުކޮށްފައެވެ.
މި ހޭންޑްސެޓް ފުލް ޗާޖުގައި 11ގަޑިއިރު ބޭނުން ކުރެވޭއިރު، އޭގެ ކޭސް ގައިވެސް 11ގަޑިއިރު ޗާޖު ހުންނާނެ ކަމަށް ސެމްސަންގުން ބުނެއެވެ.
ސެމްސަންގުން ބުނީ ގެލެކްސީ ފޯނު ގެންގުޅޭ ނަމަ ފޯނުން ވެސް ވަޔާލެސްކޮށް ބަޑްސް ޗާޖު ކުރެވޭނެ ކަމަށެވެ.
މި ބަޑްސް މިމަހު 14އިން ފެށިގެން ގަންނަން ލިބޭއިރު އަގަކީ 149 ޑޮލަރު ކަމަށް ސެމްސަންގުން ބުނެއެވެ.