ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ މޯލްޑިވްސްއިން ސަމްސަންގް އީސިމް ވެއާބަލްސް ތައާރަފުކުރަން ނިންމައިފިއެވެ.
އުރީދޫން މިއަދު ބުނީ މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އީސިމް ވެއާބަލް ހިދުމަތެއް ތައާރަފުކޮށް، ކަސްޓަމަރުންނަށް ކައިރީގައި ފޯނު ބޭނުން ނުކޮށް ސްމާޓްވޮޗުން ސީދާ ގުޅާލެވޭ ގޮތަށް، ފުރުސަތު ފަހިކޮށްދޭ ހިދުމަތެއް ކަމަށެވެ.
އެ ޒަމާނީ ޓެކްނޮލޮޖީއާއެކު، ފޯނު ބޭނުންކުރާ ފަރާތްތަކަށް އެމީހުންގެ ސަމްސަންގް ސްމާޓްވޮޗުން ކޯލްކޮށް، މެސެޖް ފޮނުވުމާއި، މިއުޒިކް ސްޓްރީމް ކުރުމުގެ އިތުރުން، އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އީސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަތަކެއް ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ހާލިދު އަލް ހަމާދީ ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ އެންމެ ފަހުގެ އިނޮވޭޝަންތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން ފުރިހަމަކޮށްދިނުމަށް ކަމަށެވެ.
"ސަމްސަންގް އީސިމް ވެއާބަލްސްއާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލައިވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެމީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާއެކު ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ސަމްސަންގް ސްރީލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވީ ސަމްސަންގް އަކީ ޒަމާނީ ވެއާބަލް ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް ހާއްސަވެފައިވާ ކުންފުންޏެއް ކަމަށާއި އެ ޓެކްނޮލޮޖީގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ހަރުދަނާކޮށްދެނީ މެދުކެނޑުމެއްނެތި ފޯރުކޮށްދޭ ކަނެކްޓިވިޓީގެ ޒަރިއްޔާއިން ކަމަށެވެ.
"އުރީދޫ މޯލްޑިވްސްއާ ގުޅިގެން، އަޅުގަނޑުމެންގެ ސްމާޓްވޮޗްތަކުގައި އީސިމްގެ ފަންކްޝަނަލިޓީ ތައާރަފުކޮށް، ކަސްޓަމަރުން ކޮންމެ ވަގުތަކުވެސް، ކޮންމެ ތަނެއްގައި ވެސް، ފޯނު ބޭނުންނުކޮށް ގުޅާލެވިފައި ތިބުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސަންގްވާ ސޯންގް ވިދާޅުވިއެވެ.
އުރީދޫން ބުނީ ސަމްސަންގް އީސިމް ވެއާބަލްގެ ހިދުމަތް ކަސްޓަމަރުންނަށް އަންނަ މަހުގެ ތެރޭގައި ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ މޯބައިލް ނަމްބަރާއެކު ސްމާޓްވޮޗް އެކްޓިވޭޓް ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އަދި ސަޕޯޓްޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށް އުރީދޫން ބުންޏެވެ.