ޚަބަރު

ކާނިވާ ސަރަހައްދުން ހުޅުމާލޭގެ ބަސް ދަތުރުތައް ފަށައިފި

އައިދާ އަބްދުލް ހަކީމް

މާލޭގެ ކާނިވާ ސަރަހައްދުގައި ބަސް ސްޓޮޕެއް ހަދައި މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުތައް އެ ސަރަހައްދުން ކުރަން ފަށައިފި އެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު ބަސް ދަތުރުގެ ހިދުމަތް ދެމުން އަންނަ އެމްޕީއެލުން ބުނީ، މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލެއާ ދެމެދު އާ ބަސް ރޫޓެއް އިއްޔެ ފަށާފައިވާ ކަމަށެވެ. އެ ރޫޓުގައި މާލެ އިން ދެ ތަނަކަށް އަދި ހުޅުމާލެ އިން ވެސް ދެ ތަނަކަށް ބަސް ހުއްޓާނެ ކަމަށް އެމްޕީއެލުން ބުންޏެވެ. އެއީ މާލެއިން ކާނިވާ ސަރަހައްދުގެ ބަސް ސްޓޮޕާއި ހެންވޭރު ވޮލީކޯޓު ކުރިމައްޗާއި ހުޅުމާލޭގެ ރެޑްވޭވް ކުރިމަތި އަދި ހުޅުމާލޭގެ ސެންޓްރޯ މޯލް ކުރިމައްޗެވެ.

ބަސް އަނބުރާނެ ޖާގަ ހެދުމަށް، ކުރިން ކާނިވާ ތެރޭގައި ލައިސަންސް ނަގަން ބޭނުން ކުރި ބިން ހުސްކޮށް އެ ސަރަހައްދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ކާނިވާ ސަރަހައްދުން ފެށިގެން ހުޅުމާލެއަށް ބަސް ދަތުރުތައް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ އަހަރުގެ ރޯދަ މަހުގެ ކުރިންނެވެ.

އެމްޕީއެލްގެ ބަސް ދަތުރުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ހުޅުމާލެއިން ފެށިގެން މާލޭގެ އިންޑަސްޓްރިއަލް ޒޯނުގައި ހަދާފައިވާ ބަސް ޓާމިނަލާއި ބަސް ސްޓޮޕްތަކަށެވެ.