ޚަބަރު

ބަދަލުދޭން ޖެހޭގޮތަށް މިސަރުކާރުން ނިންމާފައި ވަނީ ހަމައެކަނި ނޫމަޑީގެ މައްސަލަ: ފިނޭންސް މިނިސްޓަރު

އިބްރާހިމް ޒަކީ

ސަރުކާރުން ބަދަލުދޭން ޖެހިފައިވާ މައްސަލަ ތަކުގެ ތެރެއިން، މިސަރުކާރުން ނިންމާފައި ވަނީ ހަމައެކަނި ނޫމަޑީގެ މައްސަލަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޫމަޑީގެ މައްސަލައިގައި ސަރުކާރުން ބަދަލު ދޭން ޖެހުނު ގޮތާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިހާތަނަށް ބަދަލުގެ ގޮތުގައި، އާ ސަރުކާރުން އަމިއްލައަށް ނިންމާފައިވަނީ ހަމަ އެކަނި ނޫމަޑީގެ މައްސަލަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމަށް ނެކްސް ބިޒް އާ ހަވާލު ކުރި އެއްބަސްވުން އުވާލުމާގުޅިގެން ބަދަލުގެ ގޮތުގައި ސަރުކާރުން ދައްކަން ޖެހުނު، 18 މިލިޔަން ޑޮލަރުގެ މައްސަލައިގައިވެސް އޭރު އޮތް ސަރުކާރުގެ އިހުމާލު އޮތް ކަމަށެވެ.

ރާއްޖޭގައި ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް 17 އޮކްޓޫބަރު 2010 ވަނަ އަހަރުގެ އެމްޑީޕީގެ ސަރުކާރުން މެލޭޝިޔާގެ ނެކްސްބިޒާ ހަވާލު ކުރުމުގެ އެގްރީމެންްޓް، ބާތިލް ކޮށްފައިވަނީ 5 އޮގަސްޓް 2013 ގައި އޭރު އޮތް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުންނެވެ

އެ މައްސަލައިގަ 272 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ހޯދުމަށް ނެކްސްބިޒް ލިމިޓެޑުން ދައުވާ ކުރި އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، އާބިޓްރޭޝަން އެވޯޑާއެކު އެ މައްސަލަވެސް ނިމިފައިވާއިރު، އެތައް އަހަރެއް ވީއިރުވެސް އާބިޓްރޭޝަން އެވޯޑު ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ހޯދުމަށް އެމެރިކާގެ އެންފޯސްމަންޓް ކޯޓަކަށްް އެފަރާތުން މައްސަލަ ހުށަހެޅުމުން ވަގުތުން ފައިސާ ދައްކަން ޖެހުނީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ނެކްސް ބިޒްގެ މައްސަލަ ސަރުކާރު އައި އިރު އާބިޓްރޭޝަން އެވޯޑަކާއެއްކޮށް ނިމިފަ އޮތީ، އޭރުގެ ސަރުކާރުން އެތައް އަހަރެއް ވަންދެން އާބިޓްރޭޝަން އެވޯޑް ދައްކާފައެއް ނުވޭ. އެހާ ހިސާބަށް ދިޔައިރު އަޅުގަނޑުމެންނަށް ފެނުނީ އެމެރިކާގެ އެންފޯސްމަންޓް ކޯޓަކަށް ލައިގެން އެ ހޯދަން އެ ބޭފުޅުން މަސައްކަތް ކުރެއްވި ތަން ވަގުތުން އަޅުގަނޑު މެންނަށް ޖެހުނީ ފައިސާ ދޭން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އޭގެ އިތުރުންވެސް، ކޯޓުން ނިންމާފައިވާ ނިންމުންތައް ރިވިއު ކުރަން ޖެހޭ މުއްދަތުގައި ރިވިއު ނުކުރުމާއި، ރަނގަޅަށް ޒިންމާ އަދާ ނުކުރުމުގެ ސަބަބުން އެފަދަ ކިތަންމެ ބުރައެއް މިސަރުކާރަށް ޖެހިފައިވާ ކަމަށެވެ.