އިބްރާހިމް ޒަކީ
ނޫމަޑިއަށް ސަރުކާރުން ބަދަލުދޭން ޖެހުނު މައްސަލައިގައި، ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް، ޖިނާއީ ތަހުގީގުކޮށް ޕީޖީއަށް މައްސަލަ ފޮނުވައި ދެއްވުމަށް އެދި އެޓާނީ ޖެނެރަލަށް ހުށަހަޅުއްވާފައި ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ނޫމަޑިއަށް ސަރުކާރުން ބަދަލުދިން މައްސަލައުގައި، މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް، ކުރީގެ ސަރުކާރުން އުވާލުމުގެ މައްސަލައިގައި ބަދަލު ހޯދުމަށް
ނޫމަޑިން ސަރުކާރުގެ މައްޗަށް ހުށަހެޅި މައްސަލަ ނެދަލޭންޑްސްގެ ދަހޭގަންގައި ހުންނަ ޕާމަނަންޓް ކޯޓު އޮފް އާބިޓްރޭޝަންގައި ކުރިޔަށް ދިޔައިރު، ނޫމަޑިއާ އެއްކޮޅަށް ހެކިބަހުގެ ގޮތުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދެއްވި ބަޔާނުގެ ސަބަބުން ސަރުކާރު ފަރާތުގެ ކޭސް ވަރަށްބޮޑަށް ބަލިކަށިވެގެންދިޔަ ކަމަށެވެ. އަދި އެ މައްސަލަގައިގައި ބަދަލުދޭން ޖެހުނީވެސް ކުރީގެ ސަރުކާރުން ބަލަންވާ ވަރަށް ނުބަލައި ކަންތައްތައް ކުރުމުން ކަމަށް އަމީރު ވިދާޅުވިއެވެ.
"ސެޓްލްމަންޓް ކޮމިޓީގެ ފަރާތުން އަޅުގަނޑުމެން ވާނެ އެޓާނީ ޖެނެރަލްގެ ފަރާތުން ފުލުހަށް މައްސަލަ ހުށަޅައިފަ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޖިނާއި ތަހުގީގެއްކޮށް އެމައްސަލަ ޕްރޮސިކިއުޓާ ޖެނެރަލަށް ފޮނުވަން،" ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
މި މައްސަލަ ތަހުގީގު ކުރަން ފޮނުވާފައިވާއިރު، ނޫމަޑި މައްސަލައިގައި، ޑރ. މުއިއްޒު ނާޖާއިޒް މަންފާއަށް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދޮގު މައުލޫމާތު ދެއްވި މައްސަލައެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ފާސްކޮށްފައެވެ.