ޚަބަރު

ކޮރޯނާ ވައިރަހާ ގުޅިގެން، އާމްދަނީ ދަށްވެދާނެ، ނަމަވެސް ޕްރޮޖެކްޓްތައް ކުރިއަށް ގެންދެވޭނެ: މިނިސްޓަރު

އިބްރާހިމް ޒަކީ

ނުރައްކާތެރި ކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއަށް ލިބޭ އާމްދަނީ ކުޑަކޮށް ދަށްވި ނަމަވެސް ބަޖެޓްގައި ހިމެނޭ ޕީއެސްއައިޕީ ޕްރޮޖެކްޓައް ކުރިއަށް ގެންދެވޭނެ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ނޫމަޑިއަށް ސަރުކާރުން ބަދަލުދިން މައްސަލައާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މިނިސްޓަރާ ކުރެއްވި ސުވާލުތަކުގެ ތެރެއިން ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވެދާނެ މައްސަލައަކާ ބެހޭގޮތުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އިގުތިސާދީ މާހިރުން ލަފާ ކުރައްވާ ކަމަށެވެ.

"އެކަމަކު ގިނަ މާހިރުން މި ލަފާކުރަނީ ރިސެޝަނަށް ނުދިޔަސް ކޮންމެވެސްވަރަކަށް އިގްތިސާދީ ލޮޅުންތަކެއް އެކިއެކި ގައުމުތަކަށް އެކި މިންވަރަށް އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އިގްތިސާދުގެ ފެކްޓްރީއަކީ، ޗައިނާ ކަމަށެވެ. އެހެންކަމުން ޗައިނާގެ އިގްތިސާދަށް އަންނަ ކޮންމެ ލޮޅުމެއް ދުނިޔޭގެ ހުރިހާ އިގުތިސާދަށް އަންނާނެ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށްވެސް ލޮޅުންތައް އަރާނެ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ ހަރަދު ކުޑަކުރަން އަންގާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަމުގެ ސަބަބުން ޕީއެސްއައިޕީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި ބަޖެޓްގައި ވާގޮތަށް ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ކަމާގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު އެނގޭނީ ތިންމަހެއްހާ ދުވަސް ފަހުން ކަމަށެވެ.