ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ ތިބީ ސަރުކާރުގެ ވަޒީފާތަކުގައި

އަލީ ޔާމިން

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 53 އިންސައްތަ މެންބަރުން ތިއްބެވީ ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކުގައި ކަމަށް އެ ޕާޓީން ބުނެފިއެވެ.

ދަރުބާރުގޭގެ ފާށަނާ މާލަމުގައި އެމްޑީޕީން ރޭ ބޭއްވި އެ ޕާޓީގެ 168 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގައި މި ވަގުތު 147 މެންބަރުން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 65 މެންބަރުންނާއި ކައުންސިލްތަކުގެ ފަސް މެންބަރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ބޭފުޅުން ކަނޑާލީމާ ގައުމީ މަޖިލީހުގައި 41 މެންބަރުން ތިއްބަވާނެ ކަމަށާއި، އެ 41 މެންބަރުންވެސް ތިބީ ސަރުކާރުގެ މަގާމުތަކުގައި ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

"މުޅި ގައުމީ މަޖިލީހުގެ 53 ޕަސެންޓް މި ވަގުތު އެ ތިއްބެވީ ސަރުކާރުގައި އަދި ކުންފުނިތަކުގެ މަގާމުތަކުގައި، ވަޒީފާގައި" ހަސަން ލަތީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ހިމެނެނީ، އެ ޕާޓީގެ ޗެއާޕާސަން، ޗެއާޕާސަންގެ ނައިބުން، ޒުވާނުންގެ އޮއިވަރުގެ ރައީސް، އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި ދާއިރާގެ ތަކުގެ ރައީސުންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 53 އިންސައްތަ މީހުން ތިބީ ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތަކުގައި ކަމަށް ހަސަން ލަތީފް ވިދާޅުވެފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީން ހިއްސާކުރަނީ 40 އިންސައްތައެވެ.