އަހުމަދު މުބީން

ބަޖެޓު ކޮމެޓީގެ މެންބަރުންގެ ދާއިރާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދަނީ ހިމަނަމުން: މުބީން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އިސްލާހު ކުރުމުގެ މަރުހަލާގައި އޮތް އިރު، ބަޖެޓު ކޮމެޓީގެ މެންބަރުންގެ ދާއިރާތަކަށް ފައިދާ ބޮޑުވާ ގޮތަށް ބޮޑެތި އަދަދުތައް ހިމަނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގައި ހުންނެވުމަށް ފަހު ދާދި ފަހުން ޖުމުހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މުބީން "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ރޭ ވިދާޅުވީ ބަޖެޓު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން އެ މަސައްކަތް ގެންދަވަނީ އެއްވެސް އިންސާފެއް ނެތި ކަމަށެވެ.

"އެބޭފުޅުންގެ ދާއިރާތަކަށް ގިނަ ޕްރޮޖެޓްތައް ހިމަނައި ބޮޑެތި އިންވެސްޓްމެންޓްތައް ލިބޭ ގޮތަށް އިސްލާހު ކުރަމުން އެދަނީ. އަޅުގަނޑު މިހެން މިދެންނެވީ ކޮމެޓީގައި އިނދެ އެކަން ބަލާފަ." މުބީން ވިދާޅުވި އެވެ.

މުބީން އަކީ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މެންބަރެއް ނޫނެވެ. އެހެން ނަމަވެސް މަޖިލީހުގެ ގަވައިދު އޮންނަ ގޮތުން ނަމަ، ކޮމެޓީގެ މެންބަރުން ނޫނަސް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދެއްކެވޭނެ އެވެ. އެކަމަކު އެއްވެސް ކަމެއްގައި ވޯޓެއް ނުދެއްވޭނެ އެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ބަޖެޓު ކޮމެޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު، (މަވޯޓާ ޝަރީފު) މިއަދު ވިދާޅުވީ މުބީން އެވިދާޅުވާ ވާހަކަފުޅުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށާއި ހުރިހާ ދިމާއަކަށް ވެސް ހަމަހަމަ ފުރުސަތު ތަކެއް ދެއްވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.