ޚަބަރު

ކައުންސިލް އިންތިހާބުގައި ޑީއާރްޕީން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައިފި

އަލީ ޔާމިން

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރައްވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އިން ބުނެފިއެވެ.

ޑީއާރްޕީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ކައުންސިލް އިންތިހާބުގެ ހުރިހާ ދާއިރާއަކަށް ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި މިމަހުގެ ފަހުކޮޅުގައި ގާފަރުގައި ބާއްވާ ޑީއާރްޕީގެ ކޮންގްރެސްގައި ކެންޑިޑޭޓުންނަށް ޓިކެޓާއި، ކެމްޕޭން ފަންޑް ހަވާލުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެޕާޓީން ބުނެއެވެ.

ޑީއާރްޕީގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު މީގެ ކުރިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޑީއާރްޕީއަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ނުފޫޒުގަދަ ޕާޓީއަކަށް ވެގެންދާނެ ކަމަށެވެ. އަދި 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ ވެސް އެޕާޓީން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި 6،000 ވުރެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.