ޚަބަރު

މާލޭ މޭޔަރުގެ އިންތިހާބު އަނަސް ކާމިޔާބު ކުރާނީ 12،000 މީހުންގެ ވޯޓާއެކު: ނަޝީދު

އަލީ ޔާމިން

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ، އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަނަސް އަބްދުއް ސައްތާރު ހޮވާނީ، 12000 ވޯޓާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގެ ފާށަނާމާލަމުގައި އެމްޑީޕީން މިރޭ ބޭއްވި އެޕާޓީގެ 168 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، އަނަސްއާ އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓަކަށް 1500 ވޯޓުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

"އަނަސް އެހުންނެވީ މިހާރު ފަސް އަަހަރުވަންދެން ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށް ފަހުގައި، މާލެ ސިޓީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި މަލެ ސިޓީގެ މޭޔަރަކަށް ވުމުގެ މަގުމަތީގައި. އަޅުގަނޑުގެ ހިތުގައި ކުޑަވެސް، ޝައްކެއް ނެތް. އަނަސް، އަޅުގަނޑު މި ދަންނަވަނީ، ބައްލަވަން ތިއްބަވާ އަނަސް 12،000 މާލޭ ވޯޓް ނަގާނެ. އިރާދަކުރެއްވިއްޔާ 12،000 މާލޭ ވޯޓު އަނަސް ނަގާނެ. އެކަމާ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެއް ނެތް، އެންމެ ގާތްކުރާ މީހާވެސް 1500 ވޯޓުވެސް ނުނަގާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެކުރިން ވިދާޅުވީ އެމްޑީޕީން ކައުންސިލް އިންތިހާބަށް ނުކުންނަނީ 60 އިންސައްތަ ވޯޓު ކަށަވަރުކޮށްގެން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 179 ރަށު ކައުންސިލް، ހަތަރު ސިޓީ ކައުންސިލް އަދި 18 އަތޮޅު ކައުންސިލަކަށް ވާދަކުރަން އެމްޑީޕީން ހުޅުވާލި ނަމަވެސް އެ ޕާޓީގެ ޕްރައިމަރީ ބޭއްވީ 93 ރަށެއްގައެވެ. ޕްރައިމަރީއަކާ ނުލައި 400 ވަރަކަށް މީހުންނަށް ވަނީ ޓިކެޓް ދީފައެވެ.